ގުރައިދޫ ނަރުދަމާ ނިޒާމާ ހަވާލުވުމަށް ރކ ކޮމެޓީން ދެކޮޅު ހެދުމަށް ފަހު އައިއެފްއާރުސީގެ އެދުމުގެ މަތިން ސޮއިކޮށްފި

ސުނާމީއާ ގުޅިގެން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެޑް ކްރޮސް (އައި.އެފް.އާރު.ސީ) އާއި އެމެރިކަން ރެޑް ކްރޮސް ގުޅިގެން ކ. ގުރައިދޫގައި ގާއިމްކުރަން ފަށައިފައިވާ ނަރުދަމާ ނިޒާމްގެ އެއްބަސްވުންތަކާ ހަވާލުވުމަށް ގުރައިދޫ ރކ ކޮމެޓީން ދެކޮޅު ހެދުމަށް ފަހު އައިއެފްއާރުސީގެ އެދުމުގެ މަތިން އެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ގުރައިދޫ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި 1.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 23.1 މިލިއަން ރުފިޔާ) ގެ ނަރުދަމާ ނިޒާމްގެ އެއްބަސްވުންތައް އެ ރަށު ރައްޔިތުންނާ ހަވާލުކޮށްދެއްވީ އައިއެފްއާރުސީ އާއި އެމެރިކަން ރެޑް ކްރޮސްގެ އިތުރުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބޭފުޅުންނެވެ.
ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި ރކ ކޮމެޓީގެ މެމްބަރަކު ބުރާސްފަތި ދުވަހު ބުނިގޮތުގައި އެ އެއްބަސްވުންތަކާ ހަވާލުވުމަށް އެ ކޮމެޓީން އިންކާރުކުރީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ މަސައްކަތަށް އެއްވެސް އެއްބާރުލުމެއް ނުދޭތީ އެވެ. އޭނާ ބުނީ، އައިއެފްއާރުސީން މަސައްކަތް މުޅިން ނިންމައި ރައްޔިތުންނާ ހަވާލުކުރި ނަމަވެސް އެ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކަންތައް ރަނގަޅުކޮށް، ޒިންމާ ނަގާނެ ފަރާތްތަކެއް ނެތް ކަމަށެވެ.
"އައިއެފްއާރުސީ އާއި އެމެރިކަން ރެޑްކްރޮސް އިން މި ރަށުގައި މިފަދަ ބޮޑު ފައިދާ ހުރި މަސައްކަތެއް ކުރާތީ އަހަރެމެން ވަރަށް އުފާކުރަން. މި މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރީމަ އެ މީހުންގެ މަސައްކަތް އެ ނިމުނީ. އެހެން ނަމަވެސް މި ސިސްޓަމަކީ މުޅިން ތަފާތު، ވަރަށް އާ ސިސްޓަމެއް. ރައްޔިތުންނާ ހަވާލުކުރީމަ ދެން ލިބޭ ޒިންމާއެއް ނަގާނީ ކޮންބައެއްތޯ؟ އެ މައްސަލައިގައި ރކ. ކޮމެޓީން ސޮއިކުރަން އިންކާރުކުރީ،" ރކ. ކޮމެޓީގެ މެމްބަރަކު ބުންޏެވެ. "ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިންމައި ހަވާލުކުރުމުން އެ ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައި. އެހެން ނަމަވެސް އެއީ އެއްވެސް ޔަގީންކަމެއް ނެތި އަނގަބަހުން ދެއްކި ވާހަކަތަކެއް. އެހެންވެ ރައްޔިތުން ބޭނުންވީ ރަސްމީކޮށް އެ މިނިސްޓްރީން ހަވާލުވާނެ ކަމުގެ ލިޔުން."
އައިއެފްއާރުސީން ބުރާސްފަތި ދުވަހު ނަރުދަމާ ނިޒާމްގެ އެއްބަސްވުންތައް ރައްޔިތުންނާ ހަވާލުކުރީ އެ ޕްރޮޖެކްޓްގެ ބޮޑު ބައި ނިންމުމަށް ފަހު އެވެ.
އައިއެފްއާރުސީން ބުނިގޮތުގައި އެ ނިޒާމުގެ ސަބަބުން ރަށުގެ ފެން ތަގައްޔަރުވުމުން ސަލާމަތްވުމުގެ އިތުރުން ހުރިހާ ނަޖިހެއް ބޭރުވެގެންދާނީ ކަނޑުތެރެއަށެވެ.
"މިހާރު އޮތް ނިޒާމާ ބަލާފައި ރަށުގެ ފެން ތަގައްޔަރުވުމުން ވެސް ސަލާމަތްވެގެންދާނެ. މި ނިޒާމްގެ ގޮތުން ހުރިހާ ނަޖިހެއް ބޭރުކޮށްލަނީ ރަށާ ވަރަށް ދުރުން ކަނޑުގެ ތެރެއަށް. އެހެންވީމަ ރަށުގެ ރައްޔިތުންގެ ސިއްހަތަށް ވެސް ވަރަށް ފައިދާކުރާނެ މި ނިޒާމްގެ ސަބަބުން،" އައިއެފްއާރުސީން އެ ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި ކޯޓިނޭޓަރު ކެތުރިން ކްލާކްސަން ވިދާޅުވި އެވެ. "މިހާރު ނުނިމި އޮތީ މައި ހޮޅިން ސެޕްޓިކް ޓޭންކްތަކާ ގުޅައިދިނުން. ވަރަށް އަވަހަށް އެ މަސައްކަތް ވެސް ނިމޭނެ."
މައި ހޮޅިން ހުރިހާ ގެތަކާ ގުޅައިދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްރިކަން ރެޑްކްރޮސްއާ އެވެ.
އެމެރިކަން ރެޑް ކްރޮސްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް މައި ހޮޅިން ގެތަކާ ނަރުދަމާ ގުޅައިދެވޭނެ ކަމަށެވެ.
"ގެތަކާ ގުޅައިދިނުމަށް ތައްޔާރުވަމުން މިދަނީ. ވަރަށް އަވަހަށް އެ މަސައްކަތް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް އޭނާ ވިދާޅުވި ގޮތުގައި އެ ނިޒާމަކީ މުޅިން އާ ނިޒާމަކަށް ވުމާއެކު އެ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމަށް ތަފާތު ތަމްރީނު ޕްރޮގްތާމްތައް ވަނީ ހިންގައިފަ އެވެ.
ސުނާމީއާ ގުޅިގެން އައިއެފްއާރުސީން ވަނީ އެ ރަށުގައި 46 ގެ އިމާރާތްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ