މައްސަލައަކީ ވެރިކަންކުރާ ނިޒާމު ކަމަށް ޖުމުހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ދުޝްމަނުންނަކީ ރައްޔިތުންގެ ތެރެއިން ވަކި މީހެއް ނުވަތަ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ ދުޝްމަނުންނަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުން އައި ނިޒާމު ކަމަށް ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ސަރުކާރުގެ ކުރީގެ ފައިނޭންސް މިނިސްޓަރުގެ ވާހަކަފުޅުގައި ސަރުކާރަށް ވެސް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ވެސް އޭނާ އެއްވެސް ފާޑެއް ވިދާޅެއް ނުވެ އެވެ. އޭނާ ކުށްވެރި ކުރެއްވީ ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަން ކުރުމުން އައި ނިޒާމެވެ. އޭނާ ވިދާޅުވީ ރައްޔިތުން މަސްތުވާއެއްޗެތީގެ ވަބާގައި ޖެއްސީ ނިޒާމު ކަމަށެވެ.
"އަޅުގަނޑުމެންގެ ދުޝްމަނުންނަކީ އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރަމުން އައި ނިޒާމު. އަޅުގަނޑުމެންގެ ހައްގުތައް ނިގުޅައިގަތް ނިޒާމު. އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި ތަފާތުތައް ގާއިމުކުރުވި ނިޒާމު. އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި އަޅުގަނޑުމެންގެ ރައްޔިތުން މަސްތުގެ ވަބާގައި ޖެއްސި ނިޒާމު. ބޯހިޔާވަހިކަމުން ރައްޔިތުން މަހްރޫމް ކުރުވި ނިޒާމު. ބޭސްފަރުވާ ހޯދަން އާދޭސްކުރަން ޖެހުނު ނިޒާމު،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ވިދާޅުވީ ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ރައްޔިތުންގެ ހައްގުތައް ލިބޭ ގޮތަށް ކަމަށާއި އެ ގާނޫނު އަސާސީގައިވާ ކަންތައްތައް ލިބިގަތުމަށް އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ އަތްމައްޗަށް އަރާ ވެރިކަމުގެ އަމާނާތް ރައްޔިތުން ހަވާލުކުރަން ވާނީ އެ އަމާނާތް ތެދުވެރިކަމާ އެކު ރައްޔިތުންނާ ހަވާލުކުރެވޭނެ ބަޔަކާ ކަމަށާއި ޖުމްހޫރީ ޕާޓީ އަކީ އެ އަމާނާތް ރައްޔިތުންނަށް އަދާކޮށްދެވޭނެ ޕާޓީއެއް ކަމަށެވެ.
އިސްލާމް ދީނަކީ ޖުމްހޫރީ ޕާޓީގެ މައިތަނބު ކަމަށާއި ޑިމޮކްރަސީ އަކީ އެ ޕާޓީގެ އަސާސް ކަމަށާއި ގާނޫނަށް ބޯލެންބުވުމަކީ އެ ޕާޓީގެ ހަމަ ކަމަށާއި އަދުލު އިންސާފަކީ އެ ޕާޓީގެ ހުކުމް ކަމަށް ޕާޓީގެ ލީޑަރު ވިދާޅުވި އެވެ. އަދި އިސްލާމްދީންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހިމާޔަތްކޮށް ދިފާއުކުރުމަކީ އެ ޕާޓީގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިން ސަތޭކަ ހަތް ދިހަ އަށް މީހުން ބައިވެރިވި ޕާޓީގެ ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ އެއް ނާއިބު ޒައީމް އަދި ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅު މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ރަށްތައް އެއްފަސް ކުރުމުގެ ޕްރޮގްރާމެއް ކާމިޔާބު ކަމާ އެކު ހިންގަވާނެ ކަމަށާއި ހުޅުމާލެ އިން ހިއްކާފައިވާ ތަންތަނުން ގޯތި ދެއްވާނީ ހިލޭ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ވެރިކަމެއް މިތާ ގާއިމުވެއްޖެ ކަމަށް ވަންޏާ ހުޅުމާލޭގައި ހުރި ގޯތިތައް ހިލޭ އަޅުގަނޑުމެން ދޭނީ،" ޖާބިރު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކުރީގެ އެއް ނާއިބު ޒައީމު ގާސިމް އިބްރާހިމްގެ ލީޑަޝިޕްގައި އޮތް ޕާޓީ އާއި ޑީއާރުޕީއާ އެއްގޮތް ކަންތައްތެއް ވެސް އިއްޔެ އާއި ރޭގެ ޖަލްސާ އިން ފާހަގަކުރުނެވެ. އޭގެ ތެރޭގައި ޕާޓީގެ މަގާމްތަކަށް މީހުން އިންތިހާބު ކުރުމާއި ޕާޓީ އަށް ހަތަރު ނާއިބު ޒައީމުން އިންތިހާބުކުރުން ފާހަގަކުރުނެވެ. ޕާޓީ އަސާސީ ގަވާއިދުގައި ފުރަތަމަ ލިއެފައި އޮތީ "ޕާޓީގައި އިންތިހާބު ކުރެވޭ ޕާޓީގެ ލީޑަރުގެ ނައިބަކު ހުންނަން ވާނެ" ކަމަށެވެ. ނަމަވެސް ފަހުން އިއްޔެ އެ މާއްދާ ބަދަލުކޮށްފައި ވަނީ "ޕާޓީގައި އިންތިހާބު ކުރެވޭ ޕާޓީގެ ލީޑަރުގެ ހަތަރު ނައިބުން ހިމެނެން ވާނެ" ކަމަށެވެ.
އިސްލާމް ދީނަކީ ޖުމްހޫރީ ޕާޓީގެ ތަނބު ކަމަށް ޕާޓީގެ ރިއާސީ ކެންޑިޑޭޓް ވިދާޅުވި އިރު ދީނީ ވަހުދަތު ދަމަހައްޓާ ކޮމެޓީގެ ބައެއް މަގާމުތަކަށް އިންތިހާބުކުރި ބައެއް ބޭފުޅުންގެ ހެދުންކޮޅާ ބެހޭ ގޮތުން ޖަލްސާ އަށް ދިޔަ ބައެއް ނޫސްވެރިން ފާޑުއި ކަން ފާހަގަކުރެވުނެވެ.
ޖަލްސާ އަށް ފަހު ބައިވެރިންނަށް ބޭއްވި ފަރިއްކޮޅު ވަނީ ޕާޓީގެ ބޮޑެތި މީހުންނާއި އާންމު މެންބަރުން ވަކިކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވި ޕާޓީތަކަކީ އަދާލަތު ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ އިސް ބައެއް ބޭފުޅުންނެވެ. ޖުމްހޫރީ ޕާޓީން ބުނީ ހުރިހާ ޕާޓީތަކަށް ވެސް ދައުވަތު ދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ