ޑރ. ހަސަން އަށް އެމްޑީޕީން ބަހުގެ ހަމަލާތަކެއްދީފި

އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދަށް އެމްޑީޕީން ބަހުގެ ހަމަލާތަކެއްދީފި އެވެ.
އެ ޕާޓީގެ ހަރުގޭގައި ބުރާސްފަތި ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑރ. ހަސަން މަސައްކަތްކުރައް ވަނީ ޑިމޮކްރަސީގެ އުސޫލްތަކާ ހިލާފަށް ކަމަށެވެ. އަދި ސަރުކާރުގައި އުޅުއްވިއިރު ހުދުމުހުތާރު ގޮތްތަކަށް އަމަލުކުރައްވާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެން ބަލަން އެބަ ޖެހޭ އެބޭފުޅާ ކެމްޕޭނަށް ހަރަދުކުރައްވާ ގޮތް. އޭނާގެ ފަހަތުގައި ކޮންމެވެސް ނުފޫޒުގަދަ ބަޔަކު ތިބެގެން އެކަން ކުރަނީ. މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތ. މެމްބަރު ހަސަން އަފީފު ވިދާޅުވީ ޑރ. ހަސަނަށް ޕާޓީއެއް ނުހެދޭނެ ކަމަށެވެ.
"ޕާޓީއެއް ހަދަން 3،000 މީހުންގެ ސޮޔެއް ނުހޯދޭނެ. ޕާޓީއެއް ހެދެން ނެތީމާ އަމިއްލަ އަށް ކުރިމަތިލައިގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ ޑރ. ހަސަންގެ ރަނިންމޭޓަކަށްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިނުވާނެ ކަމަށެވެ. އަދި އެ ޕާޓީން ބޭނުންވަނީ ހުދުމުހުތާރު މީހުން ވެސް ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ހަސަންގެ ރަނިންމޭޓް ޑރ. އަހުމަދު ޝަހީދު ބުރާސްފަތި ދުވަހު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ނުކުތް ބަޔަކު މިހާރު އެހެން މީހުންނާ ދިމާކުރާތީ ހައިރާންވާ ކަމަށެވެ. އަދި ރިޔާސީ ނިޒާމެއްގައި ވޯޓުދެނީ ޕާޓީއަކަށް ނޫން ކަމަށެވެ.
"އެއީ ބަރުލަމާނީ ނިޒާމްގެ ސިފައެއް ޕާޓީއަކަށް ވޯޓުދިނުމަކީ. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ވަކި ޕާޓީއެއް ނޫނޭ ވެރިކަމަށް އަންނަންވީ. ބޭނުން ވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލާށޭ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޑރ. ހަސަނަށް ޕާޓީއެއް ހެދުމަކީ މާބޮޑު ކަމެއް ނޫންކަން ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އިން 5،000 ވުރެ ގިނަ ސޮއި ހޯދުމުން ދޭހަކޮށްދޭ ކަމަށެވެ.
"މިއިން އެނގޭނެ އަޅުގަނޑުމެންނަކީ ޕާޓީއެއް ނުހެދޭނެ ވަރުގެ ބައެއް ނޫންކަން. އަޅުގަނޑުމެންނަށް އެނގޭ މައުމޫން ބަލިކުރެވޭނީ ބޮލުގެ ބޭނުންކޮށްގެން ކަން. މަގު މައްޗަށް ނުކުމެ ހަޅޭލައިވައިގެން މިކަމެއް ނުވާނެކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.
ދަރުބާރުގޭގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ޑރ. ހަސަންގެ ރަނިން މޭޓަކަށް އަންނި ވާން ބޭނުންފުޅު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ