އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާގެ ރަށްވެހި ތަރައްގީގެ މަސައްކަތް ހިންގޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ޅ. ހިންނަވަރުން: އަހްމަދު އަބްދުﷲ ސައީދު
އަންނަ އަހަރުގެ ތެރޭގައި ހަތަރު ބިލިއަން ރުފިޔާގެ ރަށްވެހި ތަރައްގީގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޅ. ހިންނަވަރު ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އިއްޔެ މި ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ބަނދަރު ހެދުމާއި ނަރުދަމާ ގާއިމުކުރުމާއި ފަޅުފުންކުރުން ފަދަ ކަންކަން 2010 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތް ނަމަވެސް، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާގެ ރަށްވެހި ތަރައްގީގެ މަސައްކަތް އަންނަ އަހަރު ހިނގާނެ ކަމަށެވެ.
"ބަޖެޓްގައި ނުޖަހާ އެ މަސައްކަތްތައް ކުރެވޭތޯ މި އުޅެނީ. ބަޖެޓްގައި ޖަހައިގެން ކުރެވޭނީ ވަރަށް މަދު މަސައްކަތެއް. އެއީ ސީދާ ސަރުކާރަށް ލިބޭ އެއްޗަކުން ކުރާ މަސައްކަތެއް. އެއީ ސަރުކާރުން ލިބޭ އެއްޗަކުން ކުރާ ކަމެއްގެ ގޮތުގައި ބަޖެޓްގައި ޖެހުމަކީ އޮޅުވާލުމެއް."
ރައީސް ވިދާޅުވީ ލޯނަކީ ވެސް ސަރުކާރަށް ލިބޭ އާމްދަނީއެއް ނޫން ކަމަށާއި ސަރުކާރަށް ލިބޭ ހަގީގީ އާމްދަނީއަކީ ރައްޔިތުން ރެއާއި ދުވާލު މަސައްކަތްކޮށްގެން ލިބޭ ފައިދާ އިން ޑިއުޓީ އާއި ކުލި ނުވަތަ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ އެއްޗެއް ކަމަށެވެ. ނަމަވެސް އެ އާމްދަނީގެ ތެރެއިން މާ ގިނަ ކަންތަކެއް ނުކުރެވޭ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ޚަރަދުވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފައިދާއާ ނުލައި ނުވަތަ ވިޔަފާރި އުސޫލެއް ނެތި ދާއިމީ ގޮތެއްގައި ރައްޔިތުންނަށް ތަކެތި ދެމުން ގެންދިއުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމާ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އެކަމުގެ ޚަރަދުތައް އެ ބިން ވިއްކައިގެން ފޫބެއްދޭނެ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހިންނަވަރުގައި ހިއްކާ ބިން އެއީ ހަގީގަތުގައި ދެމެހެއްޓެނިވި ބިމަކަށް އަދި ދެމެހެއްޓެނިވި މަސައްކަތަކަށް ވާނީ އެ ހިއްކުމުގެ އަގު ނުވަތަ އޭގެ ކޮންމެވެސް މިންވަރެއް ބިން ވިއްކައިގެން ހޯދުން. އަޅުގަނޑު އެއްވެސް އިރެއްގައި ނުދެކެން ވާޖިބުތަކުން ސަރުކާރު އެއްކިބާވީ ކަމަކަށް ބިން ވިއްކައިގެން އެއިން ސަރުކާރުގެ އެހެން މަޝްރޫއުތައް އަދި އެހެން ރަށްރަށުގެ ބިން ވެސް ބޮޑުކުރުމާއި ސަލާމަތްކުރުމާއި ތޮށިލުމާއި މި ބާވަތުގެ މަސައްކަތް ހިންގުމުގެ ފައިސާ ބިމުގެ ވިޔަފާރީގެ ތެރެއިން ނެރުން."
ރައީސް ވިދާޅުވީ ހިންނަވަރު ބިން ހިއްކުމުގެ މަޝްރޫއުން ފެށިގެން އެ ސިޔާސަތު ތަންފީޒުކުރަން ފަށާނެ ކަމަށާއި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންނަވަރުން ވެސް ބިން ގަންނަން ލިބޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިން ހިއްކުމާއި ކަނޑުތޮށިލުން ފަދަ މަޝްރޫއުތައް ދައުލަތުގެ ބަޖެޓްގެ ތެރެއިން ކުރުމަކީ ރާއްޖެ ފަދަ ކުޑަ އާމްދަނީއެއް ލިބޭ ގައުމަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއުތައް ކުރިމަގުގައި ހިންގާނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން ހިންގާ އުސޫލަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ބަޖެޓަކުން ނުހިންގޭނެ. ރާއްޖޭގައި ނަރުދަމާ ހަދަން އެބަ އޮތް މިހާރުން މިހާރަށް ހަމަ މިވަގުތަށް ހަދަންޖެހޭ 76 ރަށް. ގިރާ ސަރަހައްދު ސަލާމަތްކުރަން މިހާރުން މިހާރަށް އެބަ އޮތް 30 ރަށް. އެ ހުރިހާ ކޮންކްރީޓެއް އެއްކުރީމާ ރަނގަޅު 500- 600 މިލިއަން ޑޮލަރު އެބަޖެހޭ. އެއީ ސަރުކާރުގެ ބަޖެޓްގެ ތެރެއިން ސަރުކާރަށް ކުރެވެން އޮތް ކަމެއް ނޫން. އެހެން ނަމަވެސް މިއީކީ ލަސްކުރެވެން އޮތް ކަމެއް ވެސް ނޫން."
ރައީސް ވިދާޅުވީ ސަރުކާރާއި އަމިއްލަ ވިޔަފާރިއާ ގުޅިގެން (ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް) މަޝްރޫއުތައް ހިންގުމަކީ 1980ގެ އަހަރުތަކުގައި ވެސް އޮތް ކަމެއް ކަމަށާއި މި ސަރުކާރުން ވެސް ގަސްދުކުރަނީ އެ އުސޫލުން މަޝްރޫއުތައް ހިންގަން ކަމަށެވެ.
"އަޅުގަނޑުމެން ނިންމީ ސަރުކާރުން ވެސް މަސައްކަތްތައް ހިންގާން. އެހެން ނަމަވެސް މި ދަންނަވާ އުސޫލުން ސަރުކާރާއި އަމިއްލަ ވިޔަފާރިއާ ގުޅިގެން ހިންގާ މަސައްކަތްތަކެއް ހަމަ ރަށްވެހި ތަރައްގީއަށްޓަކައި އެބަ ހިންގާންޖެހޭ. އެހެންވީމާ ބަޖެޓަކު ފެންނާކަށް ނުހުންނާނެ މި ދެންނެވި މަސައްކަތްތައް ހިނގަމުން ދާ ކަމަކަށް."
ރައީސް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބަޖެޓްގެ ބޭނުމަކީ މުދަލާއި ހިދުމަތުގެ އަގު ތިރިކުރުން ކަމަށާއި ސަރުކާރުގެ ހަރަދު ބޮޑުވި ވަރަކަށް ތަކެތީގެ އަގު ބޮޑުވާ ކަމަށެވެ. ވެއަތުވެ ދިޔަ ދެ އަހަރާއި މި އަހަރު ވެސް ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި ސަރުކާރުން އުންމީދުކުރަނީ ތަކެތީގެ އަގު އުފުލޭ މިންވަރު މި ބަޖެޓުގެ ސަބަބުން މި އަހަރު ދެ ޕަސެންޓްގައި ހިފެހެއްޓޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާތީ ކުރިމަގުގައި ދިވެހީންނަށް އެންމެ ބޭނުންތެރި އެއްޗަކަށް ވާނީ ހިކިފަސް ތަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދިވެހީންނަށް ސަލާމަތްކަން ހޯދުމަށާއި ކުރިމަގުގެ ޖީލުތަކަށް މި ރާއްޖެ ރައްދުކޮށްދިނުމަށްޓަކައި ސަލާމަތްވެ ތިބޭނެ ބައެއް ބިންތައް ހޯދުން މިއަދު މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިންނަވަރު ބިން ހިއްކުމަށް އިއްޔެ އިފްތިތާހުކުރި މަޝްރޫއުގެ ދަށުން އިތުރު ތިން ރަށެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ތިން ރަށުގެ ބިން ވެސް ހިއްކާނީ މޫސުމަށް އަންނަ ބަދަލުތަކާއި ބޮޑެތި ތޫފާން ފަދަ ކަންކަމުން ސަލާމަތްވެވޭނެ ގޮތްތަކަށް ވިސްނައި ރާވައިގެން ކަމަށާއި އެ ގޮތުން ހިންނަރުން ހިއްކާ ބިމަކީ އަންނަން އޮތް ޖީލުތަކުގައި އަގުބޮޑު އެއްޗަކަށް ވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ މުހިންމު އަސާސަކީ ހިދުމަތާއި ތަކެތި އަތްފޯރާ ފަށަށް ގެނައުން ކަމަށް ވިޔަސް، އިއްޔެ ރައީސް ނަޝީދު ވިދާޅުވީ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅެންޖެހޭ ކަމަށާއި ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތްތައް އަތްފޯރާ ފަށުގައި ހުންނަން ނުޖެހޭ ކަމަށެވެ.
"ކޮންމެހެނެއް ތިމަންނާގެ ގޭގައި ތިމަންނާގެ ރަށުގައި ތިމަންނާގެ ރަށްވީތީވެ އެ ތަނުގައި ހުރިހާ އެއްޗެއް ވަށައިގެން އަތްފޯރާ ހިސާބުގައި އަތުރައިގެން އެހެންނެއް އަޅުގަނޑުމެންނަކަށެއް ގައުމެއް ނުހިންގޭނެ، ދިރިއެއް ނުއުޅެވޭނެ. ދިވެހި ރާއްޖެއަކީ މާރުކޭޓު ގޮޅިއެއް ނޫން. ސޭޓު އިންނަވާފައި އަތްފޯރާ ހިސާބުގައި ހުރިހާ އެއްޗެއް އަތުރާލައިގެން އިނދެ ވިޔަފާރިކުރަމުން ގެންދިއުން. އެހެނެއް އަޅުގަނޑުމެންނަކަށް މި ކަމެއް ނުވާނެ. އަޅުގަނޑުމެން މި އެދޭ ތަރައްގީ އަޅުގަނޑުމެން ބޭނުމިއްޔާ މިކަން ވާނީ އެހެންވެސް އިންސާނުންނާ އެހެންވެސް ތަރައްގީވެފައިވާ ގައުމުތަކުގައި މި ކަންކަން ކުރަމުން އަންނަ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ނެދަލޭންޑްގެ ބޮސްކާލީސް އިންޓަނޭޝަނަލްގެ ފަރާތުން ހިންގާ މި މަޝްރޫއުގެ ދަށުން ހިންނަވަރުގެ ހުޅަނގު ފަރާތު ފަޅު ތެރެއިން 4196400 އަކަ ފޫޓު ( 38.9 ހެކްޓަރު)ގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ހިންނަވަރުގެ މިހާރުގެ ބޮޑުމިނާ އެއްވަރުގެ އިތުރު ސަރަހައްދެއް ހިއްކާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 333` 606` 231ރ. އެވެ. އަދި ބިން ހިއްކުމަށް ފަހު ދިރިއުޅުމުގެ މަސައްކަތަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް 215ރ.ގެ ރޭޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ