ކޮމެޓީގެ ރިޕޯޓް ހުށަހަޅަންދެން ވިލިމާލޭގެ ފެރީ ޓިކެޓްގެ އަގު ބޮޑު ނުކުރާ ގޮތަށް ހަމަޖައްސައިފި

ވިލިމާލޭގެ ފެރީގެ ހިދުމަތާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރުމަށް އެކުލަވާލި އޯވަ ސައިޓް ކޮމެޓީގެ ރިޕޯޓް ހުށަހަޅަންދެން، ވިލިމާލޭގެ ފެރީގެ ޓިކެޓް އަގު ބޮޑު ނުކުރާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ 15 އިން ފެށިގެން ވިލިމާލޭގެ ފެރީގެ ޓިކެޓް އަގު ބޮޑުކުރާގޮތަށް ކުރިން ހަމަޖައްސައިފައިވީ ނަމަވެސް، އެއަށް އަމަލު ނުކުރާ ގޮތަށް ނިންމީ ޓިކެޓުގެ އަގުތައް ސަރުކާރުން އިތުރަށް ދިރާސާ ކުރައްވަން ނިންމެވުމުން ކަމަށެވެ.
"ވިލިނގިލީގެ ފެރީގެ އޮޕަރޭޝަންސް ހިނގަމުންދާ ގޮތް ބެލުމަށް ސަރުކާރުން އޯވަ ސައިޓް ކޮމެޓީއެއް އުފައްދަވައި، އެ ކޮމެޓީން ރިޕޯޓެއް ސަރުކާރަށް ހުށަހަޅާ ގޮތަށް ވަނީ ނިންމައިފައި. ސަރުކާރުގެ ކަމާ ބެހޭ ފަރާތަށް އެ ރިޕޯޓް ހުށަހެޅުމުން، އެއަށް ބަލާފައި އިތުރު ގޮތެއް ނިމޭނީ. އަދި މި އޮތީ ވިލިނގިލީގެ ފެރީގެ ޓިކެޓްގެ އަގު މި މަހުގެ 15 އިން ފެށިގެން ބޮޑުނުކުރާ ގޮތަށް،" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ވިލިމާލޭގެ ފެރީގެ ހިދުމަތާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރެއްވުމަށް ސަރުކާރުން އޯވަ ސައިޓް ކޮމެޓީއެއް އެކުލަވާލައްވާއިރު، އާބަން މިނިސްޓަރު އިބްރާހިމް ރަފީގު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ޓިކެޓުގެ އަގު ބޮޑުކުރަން ނިންމެވީ ވެސް ދޮޅު އަހަރުގެ މަޝްވަރާއަކަށް ފަހު ކަމަށެވެ.
ވިލިމާލޭގެ ފެރީގެ ޓިކެޓެއްގެ އަގު މި މަހުގެ 15 އިން ފެށިގެން 3ރ. އިން 4ރ. އަށް ބޮޑުކޮށް އަދި ސީޒަން ޓިކެޓެއްގެ އަގު 180ރ. އިން 250ރ. އަށް ބޮޑުކުރުމަށް އެމްޓީސީސީން ނިންމީ މިދިޔަ މަހު އެވެ. ނަމަވެސް އެގޮތަށް ނިންމުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާ ކުރަން ފަށައިފަ އެވެ. އެގޮތުން ވިލިމާލޭގެ ބައެއް ރައްޔިތުން ވަނީ ފެރީ ޓިކެޓުގެ އަގު ބޮޑުކުރަން ނިންމުމުން، އެކަމާ ހިތްހަމަނުޖެހިގެން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވިލިމާލޭގެ ފެރީގެ ޓިކެޓްގެ އަގު ބޮޑުކުރާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، އަޑު އުފުލައިފަ އެވެ.
އެމްޓީސީސީގެ އޮފިޝަލް މިއަދު ވިދާޅުވީ ވިލިމާލޭގެ ފެރީގެ ޓިކެޓް އަގު ބޮޑުކުރަން ނިންމައިފައިވާތީ، ބައެއް މީހުންނަށް ސީޒަން ޓިކެޓް އަގުބޮޑުކޮށް ވިއްކާފައިވާ ކަމަށާއި އެކަމަކު އެ ފައިސާ އެ މީހުންނަށް އަނބުރާ ލިބޭނެ އިންތިޒާމެއް ފަހުން ހަމަޖައްސަވާނެ ކަމަށެވެ.
"އެ ފައިސާ ލިބޭނެ އުސޫލުތައް އަޅުގަނޑުމެން ފަހުން ހަމަޖައްސައި އިއުލާން ކުރާނަން. ސީޒަން ޓިކެޓް ގަނެފައިވާ ފަރާތްތައް އަޅުގަނޑުމެންނަށް އެނގޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ވިލިމާލޭގެ ފެރީގެ ކަންތައްތައް ދިރާސާކުރުމަށް އެކުލަވާލާ އޯވަ ސައިޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އާބަން މިނިސްޓްރީ އާއި އެމްޓީސީސީ އަދި ވިލިމާލެ އަވަށުގެ ބޭފުޅުންނެވެ.
މާލެ އާއި ވިލިނގިއްޔާ ދެމެދު ދަތުރުކުރާ ހަތް ފެރީ އޮންނައިރު އެ ފެރީތަކުން ރެއަކާއި ދުވާލަށް އެވްރެޖްކޮށް 186 ދަތުރުކުރާ ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ