އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފި

އެފްރިކާގެ ސަރަހައްދުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފިއެވެ.
އެ ހަތް ގައުމަކީ, ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. އަދި 12 ގަޑިއިރަށްވުރެން ގިނައިރު އެ ހަތް ގައުމުގެ ތެރެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި ބުނީ, ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން އައުން މަނާކޮށްފައިވާ ކަމަށެވެ.
އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.
މި ވޭރިއަންޓުގެ ބިރު ދުނިޔޭގައި ބޮޑުވެފައިވާއިރު، ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތައް ގައުމުތަކުން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އަދި އެހެންމެ މި ވޭރިއަންޓަށް ހާއްސަ ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ