މާލޭ ކައިރީ ރަށްތައް ގުޅާލަން ޔާމީން ވެފައިވާ ވައުދު ފުއްދަން ނަޝީދު ނިންމަވައިފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިގިއްޔާއި، މާލެ އަދި ހުޅުމާލެ ގުލާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުސައިން މުނައްވަރުގެ މަޖިލީސް ޕްރައިމަރީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު މާލޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޯހިޔާވަހިކަން ކަމަށާއި، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެއް ކަމަށް ވާއިރު، އެ ވައުދު ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދައިދެއްްވާނެކަމަށެވެ.
"ވެށިފަހި މާލޭގެ ޕްރޮގްރާމަކީ މާލޭގެ ބިންކޮޅެއް އޮވެމެ ނުވަތަ މާލޭގެ ރައްޔިތަކަށްވެހުރެމެ ދިރިއުޅޭނެ ތަނެއް ނެތި ބިކަ ހާލުގައި އުޅެމުން އަންނަ ރައްޔިތުންނަށް ގޮތެއް ހޯދާދިނުމަށް އެކުލަވާލެވުނު މަޝްރޫއެއް. އޭގައި ވިސްނިފައި އޮތީ ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިގިއްޔާއި، މާލެ އަދި ހުޅުމާލެ ގުލާލުމަށް. އަދި އަޅުގަނޑުމެންނަށް ފެންނަށް ފެނުމުގައި ކަޅިއްސުރެ ގިރާވަރު ކަނޑާއި ހަމައަށް ގުލާލެވޭ މަގެއްގައި މި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮށްޖެހުން ފިލުވޭނެ" ނަޝީދު ވިދާޅުވިއެވެ.
މާލޭގެ ތޮށްޖެހުން ފިލުވުމުން ރާއްޖޭގެ ކުދިކުދި ރަށްތަކުގައި މަޝްރޫއުތައް ހިންގަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މާލެ އިތުރަށް ތޮށްޖެއްސުމަކީ ތަރައްގީގެ މިސްރާބަކަށް ވެގެން ނުވާނެ ކަމަށާއި، އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ވެސް އޮތީ އެގޮތަށްކަމަށް ނަޝީދު ފާހަގަކުރެެއްވިއެވެ. ދިވެހި ސަރުކާރުގެ އަމާޒަކަށް ވާން ޖެހޭނީ ކުދި ރަށްތައްވެސް ތަރައްގީ ކުރުން ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.
"އެމްޑީޕީގެ އަމާޒަކީ މުޅި ރާއްޖޭގެ ތަރައްގީ ހޯދުން. އަދި އެއާއެކު މާލެ ރައްޔިތުންގެވެސް އާއްމު ހާލަތު ރަނގަޅުވެ ދިއުން"، ނަޝީދު ވިދާޅުވިއެވެ.
ނަޝިދު ވިދާޅުވީ، ރާއްޖޭގެ މުއްސަނދިކަމާއި ވަސީލަތްތައް ދިވެހިންގެ ފައިދާއަށް ބޭނުން ކުރަން ފެށުނީމާ ދިވެހިން ތިބޭނީ ފުދިގެން ކަމަށެވެ. އަދި ރާއްޖެއަކީ މިއަދު ފަގީރު ރާއްޖެއެއް ނޫން ކަމަށާއި، ދުނިޔޭގެ ފަންތީގައިވެސް މެދު އާއްމުދަނީއެއް ލިބޭ ގައުމެއްކަމަށް ނަޝިދު ވިދާޅުވިއެވެ.
"ނިކަމެތި ގައުމުތަކުގެ ސަފުން ދިވެހިރާއްޖެ ވަނީ އަރާފައި. މިއަދު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވެސް އަދި ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ނިސްބަތް މިވަނީ މެދު ފަންތީގެ ގައުމުތަކުގެ ސަފުގައި" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދެވޭނެ ކަަމަށެވެ. އެމްޑީޕީ އުފެދި އަދި އެ ޕާޓީ ހިނގަމުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީސް 19 ތަފާތު ވާނެ ކަމަށާއި، އެ މަޖިލީސް ސިއްރުވެރިއެއް ނުވާނެ ކަމަށެވެ. އަދި އެ މަޖިލީސްގެ މެންބަރުން މާލީ ބަޔާންވެސް ހުށަހަޅައި، ދައުލަތުގެ ފައިސާވެސް ބަލަަހައްޓާނެ ކަމަށެވެ. އަދި އެ މަޖިލީހުގެ މެންބަރުން ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ކަންކަން ބަލަހައްޓާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވި ވައުދުތައް ފުއްދުމަށް ބޭނުންވާނެ އެއް ވަސީލަތަކީ މަޖިިލީހުގެ އަގުލަބިއްޔަތުކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ