މީގެކުރިން ތައުލީމަށް ހޭދަނުކުރާވަރަށް މިސަރުކާރުން ހޭދަކުރާނަން: ނައިބް ރައީސް

ރާއްޖޭގައި މީގެކުރިން ތައުލީމީ ދާއިރާއަށް ހޭދަ ނުކުރާވަރަށް މި ސަރުކާރުން ތައުލީމަށް ދާއިރާއަށް ހޭދަކުރާނެ ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މިއަދު އަމީނިއްޔާ ސުކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ސަރުކާރުގެ ފުރަތަަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފަ އެވެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރަގަޅު ޖީލެއް ބިނާކުރުމައްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އެހެންކަމުން މިސަރުކާރުން ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި އަދި މީގެކުރިން ދުވަހަކުވެސް ތައުލީމަށް ނުކުރާ ވަރުގެ ހޭދައެއް މިސަރުކާރުން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހި ސަރުކާރުގެ ފަރާތުން ކިޔަވާ ކުދިންނަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ދޭން ބޭނުންވާ ޚަބަރަކީ މީގެ ކުރިން ދުވަހަކުވެސް ތައުލީމީ ދާއިރާގެ ކަންކަން ކުރިއެރުވުމަށްޓަކައި، މުދަރިސުންގެ ކަނަތައްތައް ބެލެހެއްޓުމަށްޓަކައި، ސްކޫލްގެ ވަސީލަތްތައް ގާއިމުކުރުމަށްޓަކާ ދުވަހަކު ވެސް ހޭދަ ނުކުރާ މިންވަރަށް މިސަރުކާރުން ހޭދަކުރާނެ ވާހަލަ" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ކަންކަން ރަގަޅުކުރުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި އެއީ ނިމުމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ކަމެއް ރަނގަޅަށް ކުރުމަކުން ދުވަހަކުވެސް ގޯސް ނަތީޖާއެއް ނުނިކުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބްރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބިގެން ނޫނީ ކިޔެވުމުގައި ފުރިހަމަ ކާމިޔާބީއެއް ހޯދަން އުދަގޫވާނެ ކަމަށެވެ. އެހެންކަމުން ރަގަޅު ސިއްހަތެއްގައި ތިބުމަށް ރަނގަޅު ކާނާ ބޭނުން ކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވި އެވެ. އަދި ރަނގަޅު ޖީލެއް ބިނާކުރެވޭނީ ރަގަޅު ތައުލީމެއް ލިބިގެންކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ މުދައްރިސުނާއި ބެލެނިވެރިންގެ ބަސްއަހައި، ރަގަޅު ދަރިވަރުންތަކަކަށް ވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ