ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވަން ބިލެއް ހުށަހަޅަނީ

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެންނަން ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ) ގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލުމާ ގުޅިގެންނެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މި މައްސަލަ ބޭރުކޮށްލުމުން ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު މިކަން މިގޮތައް ހިނގާނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން EC އިން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު މިކަންމިގޮތައް ހިގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން MNP އިން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނަން. https://t.co/Sa3oiDQH4K
— Abdulla Riyaz MP (@riyazabdulla) May 23, 2022
އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އިން ޕާޓީތަކަށް ލިބޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެ މައްސަލާގައި ވަނީ މިފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި، ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެ ފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭފަދަ ކަންކަން ކުރިމަތިވުމާއި ނުހައްގު މާލީ ފައިދާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބޭނެ ކަމަށްވެސް ބުނެފަ އެވެ.
މީގެއިތުރުން މިއީ މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަ ކުރިމަތިވާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ