ނަޝީދު މަސައްކަތް ކުރައްވަނީ ކުށުން ބަރީއަވެ ވަޑައިގަތުމުގެ މާހައުލެއް އުފައްދަން: އައްބާސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ކުށްތަކުން ބަރީއަވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
ސަންއޮންލައިނަށް ދެއްވި އިންޓަވިއުއްގައި އައްބާސް މިހެން ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރު ހުއްޓުވުމަކަށް ގެނައުމުގެ ހަރަކާތްތަކެއް ހިންގަންވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެކަން އިއުލާން ކުރެއްވުމާ ގުޅިގެނެވެ.
ރައީސް ނަޝީދާއެކު އެމްޑީޕީގެ ޕޯޑިއަމްތަކުގައި ރައީސް މައުމޫންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ވާހަކަ ދެއްކުންތެރިޔާ އައްބާސް ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލޭން ހުރި ކުށުގެ ދައުވާތަކުން ސަލާމަތްވެވަޑައިގެންނެވުމުގެ މާހައުލެއް އުފައްދަން ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށް، ޝަރުއީ ނިޒާމުން ގެއްލުވާލި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުން ގެންދާއިރު އެ މައްސަލަ ބަލާ ނިމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަޝީދުގެ ސަރުކާރުން ކޮށްފައިވާ އެފަދަ ކަންތައްތައް ފަހަތަށް ލައި ނުރައްކާތެރި ބިރުވެރި ހާލަތަކަށް ރާއްޖެ ގެންދަން އެމްޑީޕީ އާއި ރައީސް ނަޝީދު އުޅުއްވެވި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ރާއްޖޭގައި ކުށުގެ މާހައުލެއް ގާއިމްކުރުމަށް ރައީސް ނަޝީދު މަސައްކަތް އެ ކުރައްވަނީ. އެކަމަށް ސަރުކާރުން އޮތީ ލޯހުޅުވައިގެން، އަބްދުﷲ ގާޒީ ގާނޫނީ އިމުން ބޭރުން ހައްޔަރުކުރި މައްސަލަ އެޗްއާރުސީއެމުން ބަލާ ނިމުމުން، އެ މައްސަލާގައި ވެސް ދައުވާ ކުރަންޖެހޭ ފަރާތްތަކާ މެދު ދައުވާކުރަން ފޮނުވާނެ،" އައްބާސް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އެޗްއާރުސީމުންނާއި ބައިނަލްއަގުވާމީ މުޖުތަމަތަކުންނާއި އދ އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކުރީ ރާއްޖެ ސޮއިކޮށްފައިވާ ގަދަކަމުން މީހުން ގެއްލުވާލުން ހުއްޓުވާލުމުގެ މުއާހަދާއާ ވެސް ހިލާފަށް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަތާ 48 ގަޑިއިރު ވެގެންދިޔައިރު ވެސް އޭނާ ހުރިތަނެއް އޭނާއަށް އަދި އާއިލާއަށް ވެސް އަންގާފަ އެއް ނުވެ އެވެ. އަދި އޭގެ ފަހުން އޭނާ ހާޒިރުކޮށްދިނުމަށް ކޯޓުތަކުން އެތައް ފަހަރަކު ނެރުނު އަމުރަށް ކުރީގެ ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ. އަބްދުﷲ ގާޒީ މާލެގެނެސް މިނިވަންކޮށްފައިވަނީ ރައީސް ނަޝީދު ވެރިކަން ބަދަލުވި ދުވަހު އެވެ. އޭގެ ފަހުން އެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ