ސަރުކާރުގެ މަޝްރޫޢު ކާމިޔާބު - ރާއްޖޭގައި އާލާކުރި ފާނަތައް ޔޫރަޕަށް

ރާއްޖޭގައި ކަސް ފާނަ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން އދ. މަހިބަދޫގައި އާލާކުރި ފާނަތައް ޔޫރަޕަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.
ޔޫރަޕަށް ފޮނުވަން ތައްޔާރުކޮށްފައިވާ ފާނައިގެ ޝިޕްމަންޓަކީ ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ ކަސް ފާނަ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން މަހިބަދޫގައި އާލާކުރި ފާނަތަކެކެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ކަސް ފާނަ އާލާކުރުމުގެ މަޝްރޫއަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ވޯލްޑް ބޭންކުގެ އެމިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން މިއަހަރު ޖެނުއަރީމަހު ވަނީ އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ގުޅިގެން ފާނަ އަލާކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. މިމަޝްރޫގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން ވަނީ ފަށާފައެވެ. އަދި އެމަސައްކަތްކުރާ ފަރާތްތަކަށް މިޕްރޮޖެކްޓްގެ ދަށުން މޫދުކޮށްޓާއި، ކުދި ފާނައާއި، މަސްކާނާގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ތަމްރީނު ވަނީ ފޯރުކޮށްދީފައެވެ.
މިމަޝްރޫޢުގެ ދަށުން މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަތައް ވަނީ ނީލާމުގައި ވިޔަފާރިވެރިންނަށް ވިއްކާފައެވެ. އަދި އެފާނަތައް އިތުރަށް ބޮޑުކުރުމަށްފަހު އަންނަ ނޮވެމްބަރުމަހު ޔޫރަޕްގެ ޤައުމެއްކަމަށްވާ ނެދަލެންޑްސްގެ ވެރިރަށް އެމްސްޓަޑަމްއަށް އެކްސްޕޯޓްކުރުމަށް ވަނީ ތައްޔާރުވެފައެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން އާލާކޮށްފައިވާ ފާނަ ޔޫރަޕަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވީ ފާނައިގެ ފުރަތަމަ ޝިޕްމަންޓް ޔޫރަޕަށް ފޮނުވާނެލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުރިއަށްގެންދޭނެ، އަދި މިކަމުން ރަނގަޅު ނަފާއެއް ލިބޭނެ މަސައްކަތެއްކަން ޔަޤީންވާކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ފާނައިގެ އިތުރު ޝިޕްމަންޓްތައް އެކްސްޕޯޓްކުރެވުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.
މޫދުކޮށީގައި ފާނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރިއަރުވައި، ގިނަ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ލިބޭ މަސައްކަތެއްގެ ގޮތުގައި މެރިކަލްޗަރ ތަޢާރަފުކުރުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއްގެ އެއް ގޮތްޕެވެ. ހެޗަރީގައި ފާނަ ވިއްސައި، މިތަކެތި މޫދުކޮށީގައި ބޮޑުކުރެވޭ މިންވަރަށް ބޮޑުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގެ ދަށުން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ