ޓީޓީއެމް ޓްރެވަލް ސަމިޓް ބާއްވަނީ ވާޗުއަލްކޮށް، ހޯސްޓަކަށް ޑުލެރޯސް ސިމިރާރޯ

މިއަހަރުގެ "ޓީޓީއެމް ޓްރެވެލް ސަމިޓް 2020" ވާޗުއަލްކޮށް ބާއްވަން ނިންމައިފިއެވެ. އަދި އެ ސަމިޓްގެ ހޯސްޓަކަށް ޑުލެރޯސް ސިމިރާރޯ ހަމަޖައްސައިފިއެވެ.
އެ ސަމިޓް އިންތިޒާމުކުރާ އޯކާ މީޑިއާ ގްރޫޕުން ބުނީ، މިއަހަރުގެ މިއަހަރުގެ "ޓީޓީއެމް ޓްރެވެލް ސަމިޓް 2020" ވާޗުއަލްކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން އެ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓުގައި މިއަހަރު މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމާ ގުޅޭގޮތުންނެވެ.
މިއަހަރުގެ ޓީޓީއެމް ސަމިޓު އޮންލައިންކޮށް ބާއްވާއިރު، އެ ސަމިޓު ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށް ކަމަށާ ޓީޓީއެމްގެ ވެބްސައިޓް އަދި ސޯސަލް މީޑިއާގެ އެކި ފްލެޓްފޯމްތަކުން ވަގުތުން އެ ސަމިޓް ދައްކާނެ ކަމަށް އޯކާ މީޑިއާ ގްރޫޕުން ބުނެއެވެ. މީގެ އިތުރުން މި ސަމިޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ މުއްދަތް ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށް ހުޅުވާލެވިފައި ކަމަށް ވެސް އޯކާ މިޑިއާ ގުރޫޕުން ބުނެއެވެ.
މި ސަމިޓްގެ ހޯސްޓެއްގޮތުގައި ހަމަޖައްސާފައިވާ ޑުލެރޯސް ސިމިރާރޯ އަކީ މެހެމާންދާރީގެ ސިނާއަތާ ގުޅޭ ގޮތުން އެކި ބަސްބަހުން ފަށުވި ކަމާއެކު ވާހަކަދެއްކެވުމަށް ބަލާގާތްތެރި ފަންނުވެރިއެކެވެ. ޑިޖިޓަލް މާކެޓިންގް ރޮނގުން މީހުން ތަމްރީނުކޮށްދިނުމާ، ފަތުރުވެރިކަމާއި މެހެމާންދާރީގެ ސިނާއަތުގައި ކޯޗެއްގެ ގޮތުގައި 15 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޗައިނާގައި 7 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުއްވާފައިވާ ޑުލެރޯސް އަކީ ޗައިނާގެ ސަގާފަތާއި، ވިޔަފާރީގައި ޗައިނާއިން ގެންގުޅޭ އުސޫލުތަކަށްވެސް ފަރިތަ ބޭފުޅެކެވެ.
އޯކާ މީޑިއާ ގްރޫޕްއަކީ މީޑިއާ އަދި މާކެޓިންގެ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އޯކާ މީޑިއާ ގްރޫޕްގެ އުފެއްދުމެއް ކަމުގައިވާ މި ސަމިޓަކީ ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ