އިންސްޓާގްރާމް ޕޯސްޓް މައްސަލައިގައި ކަވާނީ ތިން މެޗަށް ސަސްޕެންޑް ކޮށްފި

އިންސްޓާގްރާމްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެޑިސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 100،000 ޕައުންޑުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. ފުޓުބޯޅަ އެސޯސިއޭޝަނުން ބަލާފައިވާ މައްސަލައަކީ ސައުތުހޭމްޕްޓަން މެޗަށްފަހު ކަވާނީގެ އިންސްޓާގްރާމަށް ލާފައިވާ ސްޓޯރީއެއްގައި ސްޕެއިންގެ ބަހުން ބައެއްފަހަރު މީހުންނަށް ދިމާކުރުމަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއް ހިމެނުމުގެ މައްސަލައެކެވެ.
އުމުރުން 33 އަހަރުގެ ކަވާނީ ބޭނުންކުރި ބަހަކީ ނަސްލީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން މީހުންނާ ދިމާކުރުމަށް ބޭނުންކުރާ ބަހެއް ކަން އެފްއޭއަށް ސާބިތުވެފައިވާ ކަމަށް އެފްއޭއިން ނިންމި ނިންމުމުގައިވެއެވެ. އެ ޕޯސްޓް ކުރުމަށްފަހު ކަވާނީ ވަނީ ޕޯސްޓް ޑިލީޓް ކޮށް، އެކަމަށް މާފަށްވެސް އެދިފައެވެ.
ސަސްޕެންޑް ކުރުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން ކަވާނީއަށް ހާއްސަ ފޭސް ޓު ފޭސް ޕްރޮގްރާމްތަކެއް ފުރިހަމަ ކުރުމަށްވެސް އެފްއޭއިން ވަނީ އަންގައިފައެވެ.
ކަވާނީގެ ސަސްޕެންޝަންގެ ސަބަބުން އޭނާއަށް އާއަހަރު ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ އިތުރުން، ޖަނަވަރީ 6 ވަނަ ދުވަހު އެފްއޭ ކަޕްގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު އަދި ލީގު ކަޕް ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.
އެ މައްސަލައާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކަވާނީގެ މެސެޖަކީ އެކުވެރިއަކަށް ޝުކުރު އަދާކުރުމަށް ކުރި އާދައިގެ ޕޯސްޓެއް ކަމަށާއި، އެ ކަމުގައި ކަވާނީ އިތުރަށް ވާހަކަ ދައްކާފައި ނުވަނީ އެފްއޭ އާއި އެފްއޭއިން ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ސާބިތުވެ ހުރުމަށް ކަމަށެވެ.
އޭގެ އިތުރުން ކްލަބުން ބުނެފައި ވަނީ މައްސަލަ ބެލި ފަރާތަށް ފުރިހަމަ އިތުބާރު ކުރާ ކަމަށާއި، އެފްއޭއިން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ