މި ސަރުކާރުން ދީނަށް ދެރަވާ ގޮތަށް ކަމެއް ނުކުރޭ: އިމްރާން

މި ސަރުކާރަކީ އިސްލާމްދީނަށް ދެރަވާ ގޮތަށް އެއްވެސް ކަމެއް ކުރި ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢިމްރާނު ވިދާޅުވީ އިސްލާމްދީނަށް އިހާނަތިކޮށް ހިތާ ސަރުކާރެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް ޝައިޚު ޢިމްރާނު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޢިމްރާނު ތާރީފުކުރައްވާ ސަރުކާރުގެ ގިނަ މަޤާމުތަކެއްގައި އިސްލާމްދީނަށް ތައުހީނުކޮށް ރިޕޯޓު ނެރުނު އެމްޑީއެންގެ އިސް މަޤާމުތައް އެކި ޒަމާންތަކުގައި އަދާކުރި މީހުން އެބަތިއްބެވެ.
އަދާލަތު ޕާޓިގެ ރައީސްގެ މަޤާމަށް ވާދަކުރަން ކެމްޕޭން ފައްޓަވަމުން އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީ އޮންނަނީ އެ ޕާޓީ ޤަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ކަމަށެވެ. އަދި އޭނާގެ ލީޑާޝިޕުގައި އަދާލަތު ޕާޓީ އެ ހަމަތަކާއި އުޞޫލުތަކުން ބޭރުނުވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.
އަދި ވެރިކަން ކުރާ ކޯލިޝަނުން ރައްޔިތުންނަށް ނިކަމެތިކަން ދީ އިސްލާމްދީނަށް ގޮންޖަހާނަމަ، އަދާލަތު ޕާޓީ އެ ކޯލިޝަނެއްގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެބާވަތުގެ އެއްވެސް ކަމެއް ނުހިނގައެވެ.
ރާއްޖޭގެ އިޤުތިޞާދު ސަލާމަތްވެ ކުރިން އޮތް ހާލަތަށް އިއާދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހިކުމަތްތެރިކަމުން ކަމުގައި ވިދާޅުވެ، އިމްރާނުވަނީ ވަރަށް ބޮޑަށް ރައީސަށް ސަނާ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ދިވެހިންނާއި ބިދޭސީން އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުން އިތުރުވެފައިވެއެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު ނާޅައި އެ ފަރާތްތައް ރާއްޖެއިން ބޭރަށް ފުރުވާލާ ކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ