ސ. ހިތަދޫ ދެ ފިހާރައެއް ފަޅާލައި ސިނގިރޭޓާއި ފައިސާ ގެންގޮސްފި

ސ. ހިތަދޫގެ ދެ ފިހާރައެއް ފަޅާލައި ފައިސާ އާއި ސިނގިރޭޓް ވަގަށް ނެގި މައްސަލަ އަކާއި އެ ރަށު ގެއަކުން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ހިތަދޫ ގެއަކަށް ވަގު ވެދެ މޯބައިލް ފޯނެއް ވަގަށް ގެންގޮސްފައިވާއިރު ރޭ އެ ރަށުގެ ދެ ފިހާރަ އަކަށް ވެސް ވަގުން ވަދެ އެއް ފިހާރާއިން 2،000ރ. ނަގާފައިވާ ކަމަށެވެ. ވަގުން ވަން ދެވަނަ ފިހާރައިން ގެންދިޔަ ފައިސާގެ އަދަދެއް ފުލުހުން ނުބުނެ އެވެ. އެ ފިހާރައިން ވެސް ސިނގިރޭޓް ގެންގޮސްފައި ވެއެވެ.
ދެ ފިހާރަ ވެސް ފަޅާލާފައި ވަނީ ރޭ ފިހާރަ ބަންދުކޮށްފައި ދިޔަ ފަހުން ދޮރު ހަލާކުކޮށްލައިގެނެވެ.
ވައްކަމުގެ މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ވެސް ހިތަދޫގައި ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ދެ ވަނަ ފަހަރަށް ހަމަ އެފިހާރައަށް ވަގުން ވަދެ، 8،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ