ކެންދޫގެ ސަތޭކައަށްވުރެ ގިނަ ގޭގެ ވަޅުފެން ތަޣައްޔަރުވެއްޖެ

ކެންދޫގެ މީރު ފެންފަށަލަ ހަލާކުވެ އެރަށުގެ ސަތޭކައަށްވުރެ ގިނަގޭގެ ވަޅުފެން ތަޣައްޔަރު ވެފައިވާކަމަށް ކެންދޫ ކައުންސިލުން ބުނެފިއެވެ.
1200އަށްވުރެ ބޮޑު އާބާދީއެއް އޮތް ކެންދޫގެ ކައުންސިލުން ބުނީ އެރަށުގެ ފެންފަށަލަ ތަޣައްޔަރުވުމުގެ މައްސަލަ ފުރަތަމަ ފާހަގަކުރެވުނީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު ކަމަށެވެ. ކެންދޫގެ އާއްމު ހާލަތާ ގުޅޭގޮތުން ކައުންސިލްގެ މެމްބަރު އިބްރާހީމް އަބްދުއްރަހްމާން މިއަދު އީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެން ތަޣައްޔަރުވެ ފެނުގެ ކުލަ ކިރުފެންކުލަ އަށް ބަދަލުވެ، ފެނުގައި ނުބައިވަހެއް ވެސް ހުރުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމާގުޅިގެން ވަޅުފެން ބޭނުންނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ.
“މިރަށުގައި މީހުން ދިރިއުޅޭ ދުއިސައްތަ ގޯތީގެ ތެރެއިން ސަތޭކަ ތިރީސް ނުވަތަ ސަތޭކަސާޅީސް ގޯތީގެ ވަޅުގެ ފެން މިހާރު އެހެރީ ކިރުކުލައިގަ. ފާޑެއްގެ ވަހެއްވެސް އެބަހުރޭ ފެންވަރާކަށް ބޭނުމެއް ނުކުރެވޭ، އެހެން ކަމަކަށްވެސް ބޭނުމެއް ނުކުރެވޭ. ވަރަށް ބޮޑަށް ރައްޔިތުން މިތިބީ މާޔޫސްވެފަ. މިމައްސަލަ ހައްލު ކުރެވޭނޭ ގޮތަކާމެދު ކައުންސިލުން ސައުވީސްގަޑިއިރު މިދަނީ ވިސްނަމުން” ކެންދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އިބްރާހީމް ވިދާޅުވިއެވެ.
ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން (ވ) ކެންދޫ ކައުންސިލްގެ މެމްބަރުންނާއެކު ހައުސިންގެ އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓރީގެ އިސްބޭފުޅުންނާ މިދިޔަ އޭޕްރީލްމަހު ބައްދަލަުކުރައްވަނީ. / ފޮޓޯ: ކެންދޫ ކައުންސިލް
މިމައްސަލައަށް ދާއިމީ ހައްލެއް ލިބެން އަންނަނީ ރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް، ފެނުގެ ހިދުމަތް ދޭން ފެށިގެންކަމަށް އިބްރާހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން ކެންދޫގައި ފެނުގެ ނިޒާމް ގާއިމްކޮށްފައި އޮތްނަމަވެސް އެނިޒާމުގެ ބޭނުން އަދިވެސް ކުރެވޭ ގޮތެއް ނުވާކަމަށެވެ. އަދި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައި އޮތްނަމަވެސް އެމަސައްކަތް ނުފެށި އޮތުމަކީ ކައުންސިލްގެ ކަންބޮޑުވުމެއް ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
“މިއަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ނަރުދަމާގެ ނިޒާމް މަސައްކަތް ފެށޭނެކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވީ. އެކަމަކު ކޮބާތޯ؟ މިހާރު ފަހު ކުއާޓާވެސް ފެށިގެން މިއޮއްދަނީ މަސައްކަތް ނުފެށުނުތާ ހަބަރެއް ދަބަރެއްވެސް ނުވޭ .ދެން މިދިޔަ ސަރުކާރުން އަޅާފަ އެއޮތީ ފެނުގެ ނިޒާމު އަމާ ބުނީތީ ފަރަށްދާ އުސޫލުން. އޭގެ ބޭނުމެއް އަދިވެސް ކުރެވެނީއަކީ ނޫން. މީނޫންތޯ ރައްޔިތުން ބޭނުންވާކަންކަމަކީ؟ ކިހާބޮޑު ކަންބޮޑުވުމެއްތޯ” އިބްރާހީމް، ޝަކުވާތައް ބަންޑުންކޮށްލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ