މުސްލިމުން ހެދުން އަޅަންޖެހޭނީ ރަސޫލާ އެންގެވި ގޮތަށް، އެއީ ނަޝީދު ވިދާޅުވާގޮތަށް ކުރަންޖެހޭ ކަމެއް ނޫން: ޑރ. އިޔާޒް

މުސްލިމުން ހެދުން އަޅަން ޖެހޭނީ ކީރިތި ރަސުލާ އެންގެވި ގޮތަށް ކަމަށާއި އެއީ މުހައްމަދު ނަޝީދު އަންގަވާ ގޮތަކަށް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ޑރ. އިޔާޒްގެ އިތުރުން ވެސް ދީނީ އިލްމުވެރީންތަކެއް ވަނީ ރައީސް ނަޝީދަށް ރައްދުދެއްވައިފަ އެވެ. އިލްމުވެރީން ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް މި ދެއްވީ، ގިޔާޒުއްދީން ސްކޫލްގެ ސްޓޫޑަންޑް އެޗީވްމަންޓް އެވޯޑްގައި ރޭ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ގައުމިއްޔަތެއްގެ އެންމެ މުހިންމު މާނައަކީ ކުރީގައި ވެފައި އޮތް ގޮތާއި އަދި ދެން ދާން ބޭނުންވާ ތަން ސާފުވެފައި އޮތުން ކަމަށެވެ. ޒަމާނުއްސުރެ ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލުކޮށް އެހެން ގޮތަކަށް އަނބުރާލަން ދިވެހިންގެ ތެރެއިން ބަޔަކު އެބަ އުޅޭ ކަމަށް ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހި ގައުމިއްޔަތު ލިޔެވިފައި އޮތީ ދުވަސްވީ މިސްކިތްތަކާއި ގަބުރުސްތާނުތަކާއި ޒިޔާރަތްތަކުގައި ކަމަށާއި ނަމަވެސް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ގައުމިއްޔަތު ފޮހެލަން އެ މިސްކިތްތަކާއި ގަބުރުސްތާނުތައް ތަޅާލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ގައުމިއްޔަތު ބަދަލުކުރަން ވެގެން ފޮހެލާން ވެގެން ވަރަށް ބޮޑު މަސައްކަތެއް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރު ކުރެއްވިއްޖެ. އެންމެ ބޮޑަށް ކުރެވުނު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން. މާޒީ ފުހެލަން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް ތައާރަފުކުރަން ފެށުން. ހެދުން އަޅާ ގޮތް ވެސް ބަދަލުކުރުން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ތެރެއަށް އެހެން ދިރިއުޅުމަކާއި ސަގާފަތެއް ގެނައުމަށް މިފަހަކުން އައިސްގެން އުޅޭ ރޫހެއްގައި، ޖީލެއްގެ ތެރޭގައި ތިން ގޮތަކަށް ހެދުން އަޅަން ފަށައިފި ކަމަށެވެ. އެ ގޮތުން މިހާރުގެ ޖީލުން ބުރުގާ އަޅަނީ ކުރީގެ މީހުން ނުވަތަ މަންމައާއި މާމައިން ބުރުގާ އަޅާ ގޮތަށް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި މިއޮތް ހުރިހާ ދުވަހު ދިވެހިން އުޅުނީ ގޯސްކޮށް ކަމަށްދެކި މިސްކިތްތަކާއި ޒިޔާރަތްތައް ތަޅާލަން ވެއްޖެ ކަމަށާއި އެއީ ބޮޑު ބިދުއަކާއި މުންކަރާތެއް ކަމަށް ދެކެން ފަށައިފި ކަމަށް ވިދާޅުވިއެވެ.
ޑރ. އިޔާޒްގެ ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދަށް ރައްދު ދެއްވައި އިތުރަށް ވިދާޅުވީ، އަޅުގަނޑުމެން އީމާވާން ޖެހެނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށާއި ބަލަން ޖެހޭނީ ގުރްއާނާއި ސުންނަތަށް ކަމަށެވެ.
"ހައްދު ފަހަނައަޅައި ގޮސްފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫން" ޑރ. އިޔާޒު ވިދާޅުވި އެވެ.
ޝެއިޚް ޝަފީއު އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގައި މިވެނި ކަމެއްގައި އޮތީ މިވެނި ހުކުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެއްޖެ ނަމަ ދެން އޮތީ އެގޮތަކަށް އީމާންވެ ތަބާވުން ކަަމަށާއި މޫމިނުންގެ ސިފަޔަކީ އެއީ ކަމަށެވެ. އެ ސިފަ ނެތް ނަމަ އެއީ ނުރައްކާތެރި ހާލަތެއް ކަމަށް ވެސް ޝަފީއުގެ ޓުވީޓުގައި ވިދާޅުވި އެވެ.
"ބައެއް މައިންބަފައިން އެބައިމީހުންގެ ދަރީންނަށް ހެޔޮގޮތް ވިސްނުމުން އެކަމާ ކަންބޮޑުވޭ. ހަމަ އެފަދައިން ބައެއް ދަރީން އެބައިމީހުންގެ މައިންބަފައިންނަށް ހެޔޮވިސްނުމުން އެކަމާ ކަންބޮޑުވޭ. ކުރަންވީ ކަމަކީ ކޮންމެ މީހަކުވެސް ހެޔޮގޮތަކީ ކޮބައިކަން ބަލައި ހޯދުން. ހެޔޮގޮތް ވަނީ ދީނުގައި ބަޔާންވެފައި." ޝެއިޚް ޝަފީއު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވީ އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްހަ ގޮތް އެނގުމުން ކުރީގައި އެކަން ނޭނގި އަމަލުކުރެވުނު ގޮތް ދޫކޮށްލުމަކީ ގޯސްގޮތެއް ކަމަށް ދެކުމަކީ ދީނީ ކަންކަމަށް ތިމާގެ ހިތުގައި ގަދަރެއް ނެތް ކަމުގެ އަލާމާތެއް ކަމަށާއި ދިވެހީންނަކީ މުސްލިމުން ކަމަށާއި މުސްލިމުން ބަލަން ޖެހޭނީ ދީނުގައި އައިސްފައިވާ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ