ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން -- ފައިލް ފޮޓޯ
ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭނގި ކުރެވޭ ކުދި ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ މަޝްވަރާ ކުރެވިގެންދާނެއެވެ.
އަދި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ހޭލުން ތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދީ އެކަންކަމުން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.
މީގެ އިތުރުން ފުލުހުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެން ހަރުދަނާކޮށް އާންމުންނާ އޮންގަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ހަނިމާދޫގައި ނެއިބަރހުޑް ޕޮލިސިންގ ފެށުމަށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރެވިގެންދާނެއެވެ.
މި ޕްރޮގްރާމްގައި، ހަނިމާދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ