ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ރައްޔިތުން ކުށްވެރިކޮށް، ޖަލަށް ލާން: ޝިޔާމް

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ރައްޔިތުން ކުށްވެރިކޮށް، ޖަލަށް ލާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުގެ ކުރިން ރަށްރަށުގެ އިހުތިސޯސްގެ ތެރެއިން ލިބޭ އާމްދަނީގެ 100 ޕަސަންޓް ލިބެނީ އެ ރަށަކަށް ކަމަށާއި ނަމަވެސް މިހާރު އޭގެ ތެރެއިން ބޮޑު ޕަސަންޓެއް ނަގަނީ ދައުލަތަށް ކަމަށެވެ.
"ކުރިން އެ ރަށްރަށުން ބޭނުންކުރަމުންދިޔައީ އެ ރަށެއްގެ އިހުތިސޯސްގެ ތެރެއިން ލިބޭ 100 ޕަސަންޓް އެ ރަށަކަށް. މިއަދު ގާނޫނެއް މި ގެނައީ ރައްޔިތުން ކުށްވެރިކުރުވަން. ކުށްވެރިކޮށް، ޖަލަށް ލާން. ގާނޫނަކުން މި މަނާކުރަނީ ރައްޔިތުން އެ ފައިސާ ބޭނުންކުރުން. ސަރުކާރުން މި ބުނަނީ ތި ފައިސާ ގެންނާށޭ ފިނޭންސް މިނިސްޓްރީއަށް،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު ރަށްރަށުން ލިބޭ އާމްދަނީގެ ތެރެއިން 60 ޕަސަންޓް ނަގަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމުގެ ގޮތުން ކަމަށާއި ރަށްރަށަށް އަނެއް 40 ޕަސަންޓް ބަހަނީ އެ ރަށެއްގެ އާބާދީގެ ނިސްބަތުން ކަމަށެވެ.
"ކުޅުދުއްފުއްޓަށް މީގެ ކުރިން ކައިރި ފަޅު ރަށްރަށުން ވެސް އާމްދަނީ ލިބެމުންދިޔަ. އަދި ކުޅުދުއްފުއްޓަށް ލިބޭ އާމްދަނީ ހޭދަކުރަމުންދިޔައީ ކުޅުދުއްފުށީގެ ތަރައްގީއަށް. ކުޅުދުއްފުށީގެ ރައްޔިތުންގެ ކުރިމަގަށް، ކުރިއެރުމަށް. ހަމަ މިގޮތަށް ދިވެހިރާއްޖޭގެ ކޮންމެ ރަށެއް ވެސް އޮތީ. ހަމަ ކޮންމެ ރަށެއް ވެސް ޒަމާނުއްސުރެ ކަން ކުރަމުންދިޔައީ އެ ރަށެއްގެ އިހުތިސޯސުން ލިބޭ އާމްދަނީ، އެ ރަށެއްގެ ތަރައްގީއަށް އެ ރަށެއްގެ ކައުންސިލުން ނިންމާ ކަންތައްތައް ކުރުމަށް އެ ފައިސާ ބޭނުންކުރަމުންދިޔައީ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ކުރިން ވެސް ރަށްރަށުގެ އިހުތިސޯސްގެ ތެރެއިން ލިބޭ އާމްދަނީ ފިނޭންސް މިނިސްޓްރީއަށް ނަގާ ގޮތަށް އޮތް ނަމަވެސް، ގާނޫނު އިސްލާހުކުރުމާ ހަމައަށް އެ ރަށަކުން ލިބޭ އާމްދަނީގެ 100 ޕަސަންޓް ހޭދަކުރަމުންދިޔައީ އެ ރަށެއްގެ ތަރައްގީއަށް ކަމަށެވެ. އަދި ޕީޕީއެމަށް ލާމަރުކަޒު ކުރަން ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، ރައްޔިތުން މިހާރު އެކަމެއް ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ