ސާކްގެ ނިންމުންތަކުން ނަތީޖާ ނެރެންޖެހޭ: ރައީސް

ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ސާކް ޗާޓާ ޑޭ" ގެ މުނާސަބަތުގައި ނެރުއްވި ތަހުނިޔާ މެސެޖްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުނުތާ 35 ވަނަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު، ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ގައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ރާއްޖެއިން ސާކްގެ މިނިސްޓާސް އޮފް އެޑިއުކޭޝަން/ ހަޔާ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވާނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ފާހަގަ ކުރެއްވިއެވެ.
ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ހަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ހައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ގައުމުތަކުގެ މެދުގައި އިގްތިސާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ މި މުހިންމު މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުން ފުޅު ފާހަގަކުރައްވައި ވަކިން ޚާއްސަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް، ސަރަހައްދީ ތަރައްގީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ