އިސްތިއުފާ ދެއްވައިފައިވާ ވަޒީރުންނަށް އަލުން ފަތްކޮޅު ދެއްވުން މިއަދު ބާއްވަން ހަމަޖައްސަވައިފި

14:30އިސްތިއުފާ ދެއްވައިފައިވާ ވަޒީރުންނަށް އަލުން ފަތްކޮޅު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި، ހުވާކުރެއްވުމުގެ ރަސްމީޔާތު މިއަދު ބޭއްވެވުމަށް ރައީސް އޮފީހުން ހަމަޖައްސަވައިފި އެވެ.ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހޭރު ވިދާޅުވީ އާ ވަޒީރުންގެ މަޖިލީސް އައްޔަންކުރުމުގެ ރަސްމީޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4.30 ގައި ރައީސް އޮފީހުގައި ބާއްވާ ރަސްމީޔާތެއްގައި ކަމަށެވެ.ޒުހޭރު ވިދާޅުވީ ވަޒީރުންގެ މަޖިލިހަށް އައްޔަންކުރާނީ އިސްތިއުފާ ދެއްވައިފައިވާ 13 ބޭފުޅުން ކަމަށެވެ. ނަމަވެސް ކުރިން ކޮމިއުނިކޭޝަން މިނިސްޓަރުކަމުގައި ހުންނެވި މަހުމޫދު ރާޒީ އައްޔަންކުރައްވާނީ އިކޮނޮމިކް ޑިވްލޮޕްމަންޓް މިނިސްޓަރު ކަމަށް ކަމުގައި ވެސް ޒުހޭރު ވިދާޅުވި އެވެ. އަދި އަލަށް އެކުލަވާލުމަށް ކުރިން ހަމަޖައްސައިފައިވާ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީ އަށް މިނިސްޓަރަކު އައްޔަން ނުކުރައްވާނެ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.ޒުހޭރު އަދި ވިދާޅުވީ މަގާމަށް އައްޔަންކުރުމަށްފަހު، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުން ރުހުން ހޯދުމާ ބެހޭ ގޮތުން އިދިކޮޅު ޕާޓީތަކާ މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.ޒުހޭރު ވިދާޅުވީ ކެބިނެޓްގެ މެމްބަރުން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެއްފަހަރާ އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކުން މިހާރު ބަލަމުންގެންދާ ކަމަށެވެ. އަދި ވަޒީރުންގެ މަސައްކަތްތަކައިގެން އެ ބޭފުޅުންނަށް އަލުން ކުރިއަށް ވަޑައިގެންނެވިދާނެ ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.މިކަމާ ގުޅިގެން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އަލަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާ ބެހޭ ގޮތުން ޑީއާރްޕީއާ މަޝްވަރާކުރައްވާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ހުރިހާ ސިޔާސި ޕާޓީތަކާ ރައީސް ބައްދަލު ކުރެއްވިއިރު އެ ޕާޓީއާ ބައްދަލުކުރެއްވެވި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.އިދިކޮޅު ޕީއޭގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، އާ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާ ބެހޭ ގޮތުން ސަރުކާރުން ނުވަތަ އެމްޑީޕީން ވެސް، އެ ފަރާތާއެކު އެއްވެސް ގޮތަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ މެދު ގޮތެއް ނިންމަވާނީ، ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާ މެންބަރުންގެ ލިސްޓު ލިބިވަޑައިގަތުމުން، އެޕާޓީގެ ޕާލަމެންޓް ގްރޫޕާއި، އެ ޕާޓީއާއެކު ކޯލީޝަންގައި ހިމެނޭ ޑީއާރުޕީއާއެކު ވާހަކަ ދެއްކެވުމަށް ފަހުގައި ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ