ވިލިނިގިލީ ކައުންސިލަރުން ކާޑު ބޯޓަށް ހުރަސް އެޅި މައްސަލަ އެސްޓީއޯ އިން ކުށްވެރިކޮށްފި

ގއ. ވިލިނގިއްޔަށް މުދާ ހިފައިގެން ބުދަ ދުވަހު ދިޔަ އެސްޓީއޯގެ ބޯޓެއް ބަނދަރުކުރިޔަ ނުދީ ކައުންސިލުން ހުރަސް އެޅުމާ ގުޅިގެން އެސްޓީއޯ އިން އެކަން ކުށްވެރިކޮށްފި އެވެ. ޑީއާރުޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ސައުދު ހުސައިން ބުރާސްފަތިދުވަހު ވިދާޅުވެފައި ވަނީ ކާޑު ހިފައިގެން ދިޔަ 100އެއްހާ ފޫޓުގެ ބޯޓު އެ ރަށު ބަނދަރަށް ވަނުމުން ބަނދަރަށް ގެއްލުން ލިބެމުންދާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ޖެނެރަލް މެނޭޖަ، ކޯޕަރޭޓް އެފެއާޒް އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ބޯޓަކީ މި ޒަމާނުގެ މަސް ދޯންޏަކާ ގާތްގަނޑަކަށް އެއް ސައިޒެއްގެ ބޯޓެއް ކަމަށާއި "މަސް ދޯނި ވަދެގެން ނުވާ ގެއްލުމެއް ބޯޓު ވަދެގެން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް" ކަމަށެވެ. "އެ ގޮތަށް ކަންތައް ކުރެއްވީމާ މީގެ ދެރަ ނުވަތަ އުނދަގޫ ލިބެނީ އާއްމު ރައްޔިތުންނަށް. އެހެންވީމާ އަޅުގަނޑުމެން އެކަމާ މެދު ވަރަށް ބޮޑަށް ހިތާމަކޮށް އެކަން ކުށްވެރިކުރަން،" ޝަރީފް ވިދާޅުވި އެވެ. އެސްޓީއޯ އިން ބުނިގޮތުގައި ވިލިނގިލީގައި ބަނދަރު ނުކުރަން ކައުންސިލުން އެންގުމުން ބޯޓު ވަނީ އަނބުރާ ތިނަދު އަށް ގޮސް މުދާ ބާލައިފައި ކަމަށް ޝަރީފް ވިދާޅުވި އެވެ. ކައުންސިލުން ބުދަ ދުވަހު ބުނެފައި ވަނީ ވިލިނގިލީ ބަނދަރަކީ މަސް ދޯނިފަހަރަށް ހާއްސަކޮށްގެން ހަދާފައިވާ ބަނދަރެއް ކަމަށާއި ޓަގެއް ނެތި އެސްޓީއޯގެ ބޯޓު ބަނދަރަށް ވަނުމުން ބަނދަރުގެ ފަސްގަނޑު ދަމައިގެން ދިއުން ފަދަ ކަންތައް ކުރިމަތިވާނެ ކަމަށެވެ. އަދި އެ ބޯޓު މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ބަނދަރުކުރުމުން ޖެޓީ އަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ މައުލޫމާތު މީގެ ކުރިން ވެސް އެސްޓީއޯއާ ހިއްސާކޮށްފައިވާނެ ކަމަށް ކައުންސިލުން ބުނެ އެވެ. ނަމަވެސް އެސްޓީއޯ އިން ބުނީ ބަނދަރަށް އެފަދަ ގެއްލުމެއް އެ ބޯޓުގެ ސަބަބުން ނުލިބޭނެ ކަމަށެވެ. "އާއްމުކޮށް މަސް ދޯނި ފަހަރުގައި ހުންނަ ސިސްޓަމަށް ވުރެ ސަކްޝަން މާ ރަނގަޅަށް މި ބޯޓުގައި ހުންނާނީ. ވެލިގަނޑު ދަމައިގަތުން ފަދަ ގޮތެއް ނުވެސް ވާނެ،" ޝަރީފް ވިދާޅުވި އެވެ. "އަނެއްކާ މޫސުން ގޯސްވާ ދުވަސްކޮޅު ކާޑު ހިފައިގެން ދަތުރުނުކުރެވިފައި އާއްމުކޮށް އޮންނަނީ. މިއީ އެކަހަލަ ދުވަސްކޮޅެއް. ވަރަށް މޫސުން ގޯސް. ތިނަދޫން ވިލިނގިއްޔަށް ދާނެ ދޯންޏެއް ވެސް ނުލިބޭ. އެހެންވީމަ މި ހުރިހާ ކަމަކަށް ނުވިސްނަވާ އެކަން ކުރެއްވި ބޭފުޅުން އެކަން ކުރެއްވީމަ ގެއްލުން ލިބެނީ ރައްޔިތުންނަށް." ބޯޓު ބަނދަރުކުރިޔަ ނުދިން މައްސަލަ ހައްލުކުރުމަށް ފުލުހުން ވިލިނގިލީގައި ހަރަކާތްތެރިވި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. "ބޯޓު ނެރުނީމާ ދެން އަލުން ވަދެވޭނެ ގޮތެއް ނޯންނާނެ ނޫންތޯ؟" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ