ސިޔާސީ ޕާޓީތައް ވާހަކަ ދައްކައިގެން ހައްލު ހޯދަން ޖެހޭ ވަގުތު އަތުވެއްޖެ: މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ވާހަކަ ދައްކައިގެން ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ވަގުތު އަތުވެއްޖެކަމަށާއި އެކަމަށްޓަކައި އާ މަސައްކަތެއް ފެށުމަށް އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސީއެންއެމް އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި މޫސަ ވިދާޅުވީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުން ވަރަށް ގިނަ ކަންކަން ހާމަވެއްޖެކަމަށާއި ގައުމު ވެއްޓިފައިވާ ހާލަތުވެސް އެނގިގެން ހިނގައްޖެކަމަށެވެ. އަދި އިއްތިހާދުވެގެން ސަރުކާރުން ހިންގި ނަމަވެސް އިއްތިހާދު ތެރޭގައި ހުރި މައްސަލަތައްވެސް ވަރަށް ބޮޑަށް އެނގި ހާމަވެއްޖެކަމަށް މޫސަ ވިދާޅުވިއެވެ.
"ގައުމުގެ ހާލަތު މިއަދު ވަރަށް ރަނގަޅަށް އެނގި ހާމަވެއްޖެ. އިއްތިހާދު ތެރޭގައި މައްސަލަ ހުރިވަރު އެނގިއްޖެ. މުސާރަ ނުދެވޭވަރަށް ކަންކަން ގޮސްވެފައިވާކަން ހާމަވެގެން ހިނގައްޖެ. އެހެން ކަމުން މިއީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ވާހަކަ ދައްކައިގެން ގައުމު ސަލާމަތް ކުރަންވި ވަގުތު. މިމަސައްކަތަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލަން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާ އިސްނަގައިގެން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަން ފަށައިފިނަމަ ރަނގަޅު މަންޒިލެއް ލިބޭނެކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ފައިދާތަކެއްވާނެކަމަށެވެ. އެހެން ކަމުން އެ މަޝްވަރާތަކަށް މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތައް ފަސްޖެހިގެން ނުވާނެކަމަށެވެ.
"މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް މަޝްވަރާކޮށްގެން ވާހަކަ ދައްކައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ދޫދީގެންކަންކަން ކުރުމުން ވަނީ ކާމިޔާބުލިބިފައި. އެހެންވެ އާ މަސައްކަތްވެސް އެމަގުން ގެންދެވިއްޖެނަމަ ކާމިޔާބުވާނެ،" މޫސަ ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރަށް ބައިވެރިނުވެވޭނެކަމަށާއި މަޖިލީސް ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަވަސް އިންތިހާބެއް ބޭއްވުން ނޫން ގޮތެއް ނެތްކަން މިހާރު އެނގޭނެ އިއްތިހާދުގެ ބައިވެރިންނަށް ވެސް. މުސާރަ ނުދެވޭ ހާލަތަށް ގައުމުވެއްޓިފައިވާކަން މިއަދު އެނގިހާމަވެއްޖެ. މިހާރު މިވަނީ ޒިންމާދާރު ސިޔާސީ ޕާޓީތައް މަސައްކަތް ކުރަންވީ ވަގުތު ޖެހިފައި،" މޫސަ ވިދާޅުވިއެވެ.
ޗެއާރޕާސަން ވިދާޅުވިގޮތުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ދިއުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު (އީބޫ)ގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެއެވެ. އަދި ގައުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް އެމްޑީޕީން ކުރާނެކަމަށާއި މޭޒު ދޮށަށް ގޮސް މަޝްވަރާކުރަން ޖެހޭ ހާލަތުގައި އެކަންވެސް ކުރާނެކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް ވަހީދަކީ އިއްތިހާދެއް ގޮވައިގެން ވެރިކަން ކުރެވޭވަރުގެ ބޭފުޅެއް ނޫންކަން މިހާރު ވަރަށް ބޮޑަށް ހާމަވެއްޖެކަމަށާއި އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވާނެކަމަށް ވަހީދު ވިދާޅުވަމުންގެންދަވަނީ ތާއިދު ހޯއްދެވުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. އާ މަޝްރޫއުތައް ފަށާނެކަމަށް ރައީސް ވަހީދު ވިދާޅުވަމުން ގެންދަވާއިރު، އެކަމަށް ބޭނުންވާ ފައިސާ ނެތްކަން ވަރަށް ރަނގަޅަށް ޑރ. ވަހީދަށް އެނގިވަޑައިގަންނަވާކަން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުން އެނގިގެން ހިނގައްޖެ ކަމަށް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ