ގައުމީ ސަލާމަތީ ބާރުތަކުން، ޔާމީން މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްދީފައިނުވާތީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފި

10:00ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް ބަންދު ކުރެވެންޖެހޭނީ، އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރެވޭގޮތަށްކަމަށް، ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަށަވަރުކޮށްދީފައިވާއިރު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ގައުމީ ސަލާމަތީ ބާރުތަކުން، މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްދީފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން، ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ޔާމީން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުކުރި މައްސަލަ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވި، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަބްދުﷲ ޔާމީނަށް ދޭންޖެހޭނެ ކަމަށެވެ. އަދި އަބްދުﷲ ޔާމީން ހައްޔަރުކޮށްފައިވަނީ، ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުގައިނޫން ކަމަށް ސިފައިން ބުނާއިރު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ފުރުސަތު ނުދީ، ޔާމީން ބަންދުކޮށްފައި ބެހެއްޓުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފް ކަމަކަށްވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ދެ ލީޑަރުން ކަމުގައިވާ، ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އާއި މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވަމުން ގެންދެވި އެވެ.ބައެއް މެންބަރުން ވިދާޅުވީ، ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ގައުމީ ދިފާއީ ބާރުން ކަން ކުރަމުންގެންދާ ގޮތުން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ގައުމީ ދިފާއީ ބާރު ނުކުޅެދިފައިވާ ކަން ހާމަވެގެންދާ ކަމަށެވެ. އަދި ސަލާމަތީ ކަންތައްތައް ބެލެހެއްޓޭވަރުގެ ތަނެއްގައި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަދައި ދިނުމަށް ވެސް ސަލާމަތީ ބާރުގެ ކިބައިން ބައެއް މެންބަރުން އެދި ވަޑައިގަންނަވަމުން ގެންދެވި އެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ޔާމީން ހައްޔަރުކޮށްފައިވާ މައްސަލަ ދިފާއު ކުރައްވަމުން ގެންދެވި އެވެ. އަދި ފުލުހުން ރޭ ހައްޔަރުކުރި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ ޖަލްސާގައި ބައިވެރިވަޑައިގެން، އޭނާ ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ. އަދި އެކަން މަޖިލީހުގެ ރައީސް ބައްލަބަންޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވަމުން ގެންދެވި އެވެ.މުސްތަފާއަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ގާނޫނުގެ އިމުގެ ތެރެއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މުސްތަފާ އާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ، އެމަނިކުފާނަށް ދެންނެވުމަށްފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޔާމީން އާރަށަށް ގެންދެވުމަށްފަހު މުސްތަފާ ކުޑަގޮޅިއަށް ލެއްވީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، މުސްތަފާ ހައްޔަރުކުރި ފަރާތުން އެކަން އޮޅުންފިލުވައި ދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.ޔާމީން ހައްޔަރުކުރި މައްސަލައިގައި، އޭނާ މަޖިލީހަށް ހާޒިރުވެވޭގޮތް ހަމަޖައްސައި ދިނުމަށް އެދި މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ޑިފެންސަށާއި، ސިފައިންނަށް ފޮނުއްވި ސިޓީއާ ގުޅިގެން އެ ދެ ފަރާތުން ދެއްވި ޖަވާބުވެސް މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގެ ތަޅުމަށް އިއްވަވައިދެއްވި އެވެ. ޑިފެންސުން ފޮނުވާފައިވަނީ ސިޓީގައި ބުނެފައިވަނީ ޔާމީން ހައްޔަރުކޮށްފައިވަނީ، ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުގައި ނޫން ކަމަށެވެ. އަދި އޭނާގެ ސަލާމަތާއި، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި، އޭނާ ބަހައްޓާފައި ވަނީ ސިފައިންގެ ހިމާޔަތުގައި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.މި މައްސަލަތަކުގައި މެންބަރުން ނަންގަވަމުންގެންދެވި ނިޒާމީ ނުކުތާތައް ގިނަވެ މަޖިލީހުގެ ތަޅުން ހޫނުވުމުން، އަބްދުﷲ ޔާމީން މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ދީފައިނުވާތީ ކަމަށް ވިދާޅުވެ، ނުވަގަޑި ތިރީސްނުވައެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާ ނިންމަވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ