އިންތިގަލީ ކެންޑިޑޭޓެކޭ ކިޔަނީ ނަޝީދު ބޭނުންވާ މީހަކު ވެރިކަމަށް ގެންނަން: ނިހާން

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވީ އެމަނިކުފާނު ބޭނުންފުޅުވާ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން މިއަދު "ސަން" އަށް ވިދާޅުވީ އިންތިގާލީ ވެރިކަމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ފެންނަން އޮތް ކަމެއް ނޫން ކަމަށެވެ. "ފަސް އަހަރުގެ ދައުރަކަށް ރައީސުލް ޖުމްހޫރިއްޔާއާ އެކު ރަނިންމޭޓެއް އިންތިޚާބުކުރާ ވާހަކަ އެއީ އާ ގާނޫނު އަސާސީ އެކުލަވާލެވުނު މަފްހޫމް. އެހެންވީމަ ގާނޫނު އަސާސީގައި މި އޮންނަ އުސޫލުތަކުގެ ބޭރުން ވައުދުތަކެއް ވުމަކީ އެއީ އުސޫލެއްގެ ގޮތުން މަކަރުވެރި ނުބައި ރޭވުމެއްގައި ކުރާ ކަމެއް،" ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2008 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލުކުރުމަށް ވެސް ނަޝީދު އުޅުއްވީ އިންތިގާލީ ވެރިކަމެކޭ ކިޔައިގެން ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުވުމުން ގަދަފައި ވިއްދާފައި ވެރިކަމުގައި ދެމިހުންނެވުމަށް ނަޝީދު އުޅުއްވި ކަމަށް ނިހާން ވިދާޅުވި އެވެ. "ރައްޔިތުންނަށް އަނިޔާވެރިވުމުގައި ފަނޑިޔާރަކު ވަގަށް ނަގައިގެން ދެމިހުންނަން ޖެހުމުގެ ސަބަބުން ތިން އަހަރާއި ބައި ވުމުގެ ތެރޭގައި އަމިއްލަ އަށް އިސްތިއުފާ ދީފަ ވިދާޅުވީ މިވަގުތުން ފެށިގެން ތިމަންނާ ވެރިކަމުގައި ހުރެއްޖެނަމަ ދިވެހީންނަށް އަގުމަގު ނުކުރެވޭފަދަ ގެއްލުން ވެދާނެތީވެ އިސްތިއުފާ ދިނީއޭ،" ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެ ކަމަށާއި އިންތިޚާބުގައި ވާދަކުރީވެސް ވެރިކަން ބޭނުންވެގެން ނޫން ކަމަށް 2008 ވަނަ އަހަރު ނަޝީދު ވިދާޅުވި ކަމަށެވެ. ނަމަވެސް ކަންހިނގީ އެހެނަކުން ނޫން ކަމަށާއި ވެރިކަމަށް 21 ދުވަސް ނުވަނީސް އޭރުގެ ކޯލިޝަން ޕާޓްނަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވި ކަމަށް ނިހާން ވިދާޅުވި އެވެ. "މިއީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ޖެހި ދަންތުރައެއް. ތިން އަހަރާ ދުވަސްތަކެއް ވަންދެން ވަރަށް ނިކަމެތި ހާލެއްގައި ރައްޔިތުން އުޅެން ޖެހުނު. ނަޝީދުގެ މިޒާތުގެ ވާވެއްދުމެއްގެ ސަބަބުން. އެހެންވީމަ މިހާރުވެސް މިދަނީ އެ ދިމާލަށް މިސްރާބު ޖެހޭތޯ،" ނިހާން ވިދާޅުވި އެވެ. އާންމު މެމްބަރުން ބޭނުންވާ ގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު އެމްޑީޕީ ތެރޭގައި ނެތް ކަމަށާއި އެޕާޓީ އަކީ "ނަޝީދުގެ ފިކުރުގެ މައްޗަށް ތަރުތީބުވެގެން ތައްގަނޑު ކުރެވިފައި އޮތް ޕާޓީއެއް" ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ނަޝީދުގެ ކެހިވެރި މަޅީގައި ރައްޔިތުން ނުޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު އިލްތިމާސެއްގެ ގޮތުގައި ރައްޔިތުންނަށް ދަންނަވާލަން އޮތީ އެމްޑީޕީގެ ކެހިވެރި ވަޅީގައި، ޚާއްސަކޮށް ކެނެރީގޭ މުހައްމަދު ނަޝީދުގެ ކެހިވެރި މަޅީގައި ޖެހިވަޑައިނުގަންނާވާށޭ. މުއުމިނުންގެ ކަރަށް އެއްހަރަކުން ދެ ފަހަރަށް ކައްޓެއް ހެރުނަ ނުދެއްވާ،" ނިހާން ވިދާޅުވި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ނަޝީދު މިއަދު ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިންތިގާލީ ވެރިއެއް ހޮވަންޖެހެނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށާއި ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ އިންތިގާލީ ވެރިއަކު އިންތިހާބު ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކޮށް، ޔަގީންކަމާއެކު އިންތިހާބުން މޮޅުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ