ހައްގު ހޯދުމަށް ކައުންސިލްގެ ރައީސާއި ނާއިބް ރައީސްގެ މައްޗަށް ދައުވާ ނުކުރެވޭނެ: ތުޅާދޫ ކޯޓު

ތުޅާދޫ ކައުންސިލްގެ ޑީއާރްޕީ މެންބަރު އުމައިރާ އަބޫބަކުރުގެ މެންބަރުކަމުގެ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމަށް ބުނެ އެ ހައްގުތައް ހޯދައި ދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދި އެ ކައުންސިލްގެ ރައީސާއި ނާއިބް ރައީސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ އުމައިރާ އަބޫބަކުރުގެ މެންބަރުކަމުގެ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމަށް ބުނެ އެ ހައްގުތައް ހޯދައި ދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދި ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު އާއި ނާއިބް ރައީސް އިބްރާހީމް ޒާހިދުގެ މައްޗަށް އޭނާ ދައުވާ ކުރުމުންނެވެ.
ބ. އަތޮޅު ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު މުއާވިޔަތު ގާސިމް މިއަދު އިއްވި ހުކުމްގައި ބުނަނީ ކައުންސިލްގެ ރައީސާއިނާއިބް ރައީސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް އުމައިރާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އުމައިރާ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ދެ ބޭފުޅުންގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ކައުންސިލަރެއްގެ ހައިސިއްޔަތުން އުމައިރާއަށް ލިބިދޭންޖެހޭ ހައްގުތަކާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތް ކުރުމުގެ އިންތިޒާމްތައް އޭނާއަށް ހަމަޖައްސައި ދޭންޖެހޭ ފަރާތަކީ ތުޅާދޫ ކައުންސިލްކަން ގާނޫނީ ހަމަތަކުގެމަތިން އެނގެން އޮންނަ ކަމަށެވެ.
އިދާރީދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން އިންތިޚާބު ކުރެވިފައިވާ ރަށު ކައުންސިލަކީ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ސަޚްސެއްކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
"... ބ. ތުޅާދޫ އާޒާދު އުމައިރާ އަބޫބަކުރަކީ ބ. ތުޅާދޫ ކައުންސިލަރެއްގެ މެންބަރަކަށް ވީހިނދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލަރެއްގެ ހައިސިއްޔަތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތަކާއި އަދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތް ކުރުމުގެ އިންތިޒާމްތައް، ބ. ތުޅާދޫ އާޒާދު އުމައިރާ އަބޫބަކުރަށް ހަމަޖައްސައިދޭންޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކުރެވިފައިވާ ގާނޫނީ ސަޚްސެއްކަމުގައިވާ ބ. ތުޅާދޫ ކައުންސިލްކަން ގާނޫނީ ހަމަތަކުގެ މަތިން އެނގެން އޮންނާތީ، ބ. ތުޅާދޫ ކައުންސިލްގެ ރައީސް ބ. ތުޅާދޫ ދިލްކުސާގޭ އަހްމަދު ރަޝީދު އާއި ނާއިބް ރައީސް ބ. ތުޅާދޫ ހަވާއީ އިބްރާހީމް ޒާހިދުގެ މައްޗަށް މި ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ހުކުމް ކޮށްފީމެވެ،" ތުޅާދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ