އިންޓަނެޓް އަގު ހެޔޮކުރުމުގެ މަޝްވަރާ އަދިވެސް ކުރިއަށް

މި ދުވަސްވަރު އިންޓަނެޓް އަގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަޝްވަރާ ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ހަވީރު ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދުވަސްވަރު އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން". ރައީސް ވިދާޅުވިއެވެ.
ނަމަވެސް ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަމާ ގުޅޭ މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. މިރޭ ބޭއްވި ކޮވިޑް19 ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން ސަރުކާރުގެ ތަރްޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެ ކަމުގައި ނަގާފައިވާ ސީދާ ޑިޒިޝަނެއް އެނގިވަޑައިނުގަންނަވާ ކަމަށާ ނަމަވެސް އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"...އޭގެ މަސައްކަތް [އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ] އެބަ ކުރެވޭ. އަޅުގަނޑަށް އެނގޭ މިއަދުވެސް މީޓިންތަކެއް ހިނގިކަން މިކަމުގައި. އަޅުގަނޑަށް ހީވަނީ މާދަމާގެ ވަގުތެއްގައި ސީދާ ޖަވާބެއް ދެވޭނެހެން. ދިރާގު، އުރީދޫއާ އެއްކޮށް އެކަމުގައި މަޝްވަރާ އެބަކުރެވޭ." މަބުރޫކް ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އެންމެ ގޭގައި ތިބުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަމުންދާއިރު އެކަމަށް ބާރު އެޅުމުގެ ގޮތުން ގައުމުތަކުން ދަނީ އިންޓަނެޓްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. -މި ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރާނެ ކަމަށް ބުނެފައިވަނީ 2023 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ