އަނިޔާގެ މައްސަލަތައް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ އަދަދު މަދު: މިނިސްޓަރު

ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގައި ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް ގޭގައި ތިބެން މަޖުބޫރުވެފައި ވުމަކީ އަނިޔާގެ މައްސަލަތަކުގެ ސީރިއަސްކަން ބޮޑުވެދާނެ ކަމެއް ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑިއާ ބްރީފިންގައި، މި ކަންބޮޑުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅިގެން މިދިޔަ މަހު ހުށަހެޅީ 101 މައްސަލަ ކަމަށާއި ގެވެށި އަނިޔާ ރިޕޯޓްކުރި އަދަދަކީ 26 މައްސަލަ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހާއި ފެބުއަރީ މަހާ އަޅާބަލާއިރު ރިޕޯޓްކުރި އަދަދު މިދިޔަ މަހު ދަށްވެފައިވާއިރު، އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ތިން މަހުގެ ތަފާސްހިސާބު
- ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާ ގުޅިގެން ޖެނުއަރީގައި 121 މައްސަލަ، ފެބުއަރީމަހު 169 މައްސަލަ، މާޗް މަހު ހުށަހެޅީ 101 މައްސަލަ.
- ޖެނުއަރީގައި ރިޕޯޓްކުރީ ގެވެށި އަނިޔާގެ 34 މައްސަލަ، ފެބުރުއަރީގައި، 39 މައްސަލަ، މާޗް މަހު 26 މައްސަލަ.
އަޅުގަނޑު ގަބޫލުކުރަން ބޭނުން ވަނީ ކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހަމަ މަދީއޭ. އެކަމަކު އެއީ އުއްމީދެއް. --މިނިސްޓަރު
މިނިސްޓަރު ވިދާޅުވި ގޮތުގައި އަދަދުތައް އެ ގޮތަށް ހުރި ނަމަވެސް ދިރާސާ އިން ދައްކާ ގޮތުގައި، ޒަރޫރީ ބޭނުންތަކާ ހެދި ނުވަތަ އެހެން ވެސް މަޖުބޫރީ ހާލަތު މެދުވެރިވެ، އަނިޔާދޭ ފަރާތާ އެކު ދިރިއުޅުން ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ ބައެއް ފަހަރަށް އަނިޔާ ދޭ ކަން ރިޕޯޓް ކުރުމަކީ އުނދަގޫ ކަމެކެވެ. އޭގެ ތެރޭގައި އަނިޔާކުރިއަސް އެ މީހެއްގެ ފަރާތުން މިފަދަ ދަނޑިވަޅުގައި މަންފާ ބޭނުންވެފައި ހުރި ނަމަ ރިޕޯޓްކުރަން ފަސްޖެހި އުނދަގޫވުމާއި މިފަދަ ހާލަތެއްގައި މިނިސްޓްރީ ނުވަތަ ރަސްމީ އިދާރާތައް ހުޅުވިފައި ހުރި ކަން ނޭނގުން ނުވަތަ އެހީތެރިކަމެއް ލިބިދާނެ ކަމުގެ ޔަގީންކަމެއް ނެތުން ހިމެނޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިރޭ އަޅުގަނޑު ދަންނަވަން ބޭނުން، ކުޑަކުދިންނަށް ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ އެއްވެސް ކަމެއް ރިޕޯޓް ކުރަން ބޭނުންވެއްޖެ ނަމަ 1412 އަށް ރިޕޯޓް ކުރެއްވުމުން އެ މައްސަލަ ބަލާނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއާއެކު، އަނިޔާގެ މައްސަލަތަކުގައި އެންމެ މުހިއްމީ ސިއްރު ނުކޮށް ރިޕޯޓްކުރުން ކަން ފާހަގަކުރައްވައި، ގޭގައި ތިބެން ޖެހިފައިވާ މި ހާލަތުގައި ވެސް އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އެއްވެސް ފަރާތަކުން އެކަން ނުފޮރުވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އެފަދަ ކަމެއް ހިނގާ ނަމަ، ހުއްޓުވުމަކީ ހަމައެކަނި މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، އެންމެންގެ އެކަމުގައި އެއްބާރުލުން ދޭން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
ސަރުކާރުގެ ގިނަ އޮފީސްތައް ބަންދަސް އަނިޔާގެ މައްސަލަތައް ބެލުމުގައި ފުލުހުން އަދި ކޯޓުތަކުން ވެސް ދަތިތަކެއް ކުރިމަތިވަމުން ނުދާ ކަމަށާއި މިފަދަ މައްސަލަތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅާނެ ގޮތްތަކަކާ ބެހޭ ގޮތުން ކަމާބެހޭ އިދާރާތައް މަޝްވަރާކޮށް ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.
އެންއީއޯސީގައި ޖެންޑާ މިނިސްޓަރު އައިޝާ އާއި ތަރުޖަމާން މަބްރޫކްގެ އިތުރުން ރެޑްކްރެސެންޓުން ނޫސްވެރިންނާ މިރޭ ވާހަކަ ދައްކަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އާއިޝާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައި އޮތަސް މާލެ އާއި އަތޮޅުތަކުގައި، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާ ކަމަށެވެ. އަނިޔާގެ މައްސަލަތައް ރިޕޯޓްކުރަން، ކުޑަކުދިންގެ ހެލްޕްލައިން 1412 އާއި ސޯޝަލް ސާވިސްއާ ގުޅޭ އެހެނިހެން މަސައްކަތްތަކާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މަސައްކަތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނާއި ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުތަކާއި އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ޚިދުމަތްތައް ވެސް ކުރިއަށްދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންއެސްޕީއޭ)ގެ ކޯލް ސެންޓަރުގެ ޚިދުމަތް 1421042 ވެސް ހެދުނުން ފެށިގެން މެންދުރު ފަހު ދޭއް ޖަހަންދެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާގެ ވޫހާންގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު ރާއްޖެ އިން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި، ޖެންޑަ މިނިސްޓްރީގެ ސީދާ ބައިވެރިވުމެއް ނެތަސް، އާއްމުންގެ ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ވެސް ހަރުދަނާކޮށް ފެށި އެވެ. ޓީވީ އާއި ރޭޑިއޯ އަދި ނޫސްތައް މެދުވެރިކޮށް، ޖިންސީ އަނިޔާ އިން ރައްކާތެރިވުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި މިހާތަނަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިއްސާކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާތަކާއި މީހުން ބަލަހައްޓާ މަރުކަޒުތައް ކަމުގައިވީ ނަަމަވެސް މި ޚާއްސަ ހާލަތުގައި އަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އެފަދަ އެއްވެސް ތަނެއްގައި ކަމެއް ދިމާވެއްޖެ ނަމަ ޚިދުމަތަށް ނުކުންނާނީ ކޮން ބައެއްތޯ އާއި ފުޑް ސެކިއުރިޓީ އާއި ތަމްރީނާއި އެ ނޫން ވެސް ކަންކަން ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޖެންޑާ މިނިސްޓަރު އާއިޝާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ކޮންމެ މަރުކަޒެއްގައި ވެސް މިހާރު ހުންނާނެ އެއް މަސް ދުވަހަށްވާ ވަރަށް ފުޑް ސެކިއޯ ކޮށްފައި. އަދި ކުދިންނަށް ބޭނުންވާނެ ތަކެތި ގަނެވިފައި. އައިސޮލޭޝަން ރޫމްތައް ގާއިމްކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޚާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި، ޚާއްސަ ފަރުވާ ދެވޭނެ އިންތިޒާމް ވެސް އަންނަނީ ހަމަޖައްސަމުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނާ މެދު އަޅާލައި ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފަގީރުންގެ ގޮތުގައި، ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވެސް ކުރިއެކޭ އެއްގޮތަށް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކައުންސިލްތަކާ ގުޅިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަކި ގެއަކަށް ނުވަތަ ވަކި ފަރުދަކަށް ޚިދުމަތް ފޯރުކޮށްދޭން ވިޔަސް ކައުންސިލްތަކުން އެ އިންތިޒާމް ހަމަޖައްސައިދެމުން އަންނާތީ ހުރިހާ ކައުންސިލްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ބޭސްފަރުވާ އަށް ބޭރު ގައުމުތަކަށް ގޮސް، ނާދެވި ތާށިވެފައި ތިބި މީހުންގެ ތެރެއިން ވެސް މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކުގައި ކޮންމެ ކޭހެއް ވަކިވަކިން ބަލައި، އާސަންދަ އާއި އެންސްޕާ ތެރެއިން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޯށްދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ