ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ 48 މައްސަލައެއް މިދިޔަމަހު ޖެންޑާ އަށް ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީގޯނާކޮށްގެން 48 މައްސަލައެއް، ނިމިދިޔަ ޖަނަވަރީމަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވެފައިވަނީ އެއީ އެމަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖުމްލަ 243 މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ މައްސަލަތައް ކަމަށެވެ. ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 121 މައްސަލައެއް ޖަނަވަރީމަހުވަނީ އެމިނިސްޓްރީއަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 43 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި ގަނާ ކުރުމާއި ފުރައްސާރަކުރުމުގެ 4 މައްސަލައަކާއި، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ އެއްވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރިޕޯޓު ކޮށްފައިވާއިރު ޙައްގުތަކުން އެކުދން މަހުރޫމުގެ ކުރުމުގެ 16 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ 3 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޢާއިލީ 23 މައްސަލަ އެއް ވެސް ޖަނަވަރީމަހު ވަނީ ހުށަހަޅައިފައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 11 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ ހިމެނެއެވެ. އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ އެއްވެސް މިދިޔަ މަހު ވަނީ ހުށަހަޅައިފައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 9 މައްސަލަ އެއްވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ ހިމެނެއެވެ. އޭގެ އިތުރުން  ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ، ޖިންސީ އަނިޔާކުރުމުގެ 6 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ 1 މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލަ އެއްވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެމިނިސްޓްރީން ކޮންމެ މަހަކު އާއްމުކުރައްވަމުން ގެންދަވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތެކެވެ. އެހެންކަމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މުޅި މުޖުތަމަޢު ގުޅިގެން އެއަށް ޙައްލު ހޯދައިދޭންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ