ދެ ރަށެއްގައި ފެނަކަ އޮފީސް ޢިމާރާތް ކުރަން ކުންފުންޏަކާ ޙަވާލުކޮށްފި

ނ. އަތޮޅު ޅޮއްސާއި، ލ. ފޮނަދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓު ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ.
މި ދެ އެއްބަސް ވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. ޑުޕްލެކްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އަސްލަމެވެ.
މި މަޝްރޫޢުގެ ދަށުން ނ. އަތޮޅު ޅޮހީގައި އޮފީސް ޢިމާރާތުގެ އިތުރުން އައު އިންޖީނުގެއެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނ. ޅޮހީގައި މިހާރު ބޭނުންކުރާ ފެނަކަ އިންޖީނުގެ ހުރީ މީހުން އުޅޭ ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ދަށުން އަލަށް އަޅާއިންޖީނުގެ އަޅާނީ މީހުން ނޫޅޭ އެކަމަށް އެކަށީގެންވާ ސަރަހައްދުގައެވެ.
ޅޮހީ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ އަގަކީ 6,471,859.55 ރުފިޔާއެވެ. އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 270 ދުވަސް ތެރޭގައެވެ. އެއްބަސްވުމަށް ރިއާޔަތް ކުރާއިރު މި މަޝްރޫޢު މި އަހަރު ނޮވެމްބަރު 26 އަށް ނިންމައި ފެނަކައާ ހަވާލު ކުރެވޭނެއެވެ.
ފޮނަދޫގައި ޢިމާރާތް ކުރާ ފެނަކަ ކޯޕަރޭޝަން އޮފީހުގެ އަގަކަށް ހުށަހަޅާފައިވަނީ  8,645,205.05 ރުފިޔާއެވެ. އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 305 ދުވަހެވެ. އެ މަސައްކަތް ވެސް މި އަހަރުގެ ނިޔަލަށް ނިމި ފެނަކައާ ޙަވާލު ކުރެވޭނެއެވެ. މިއަހަރު އިތުރު އިންޖީނުގެތަކުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ފެނައިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ