ބޭނުންވާ ނަތީޖާ އަދާލަތު ޕާޓީއާއެކު ނެރެވޭނެކަމަށް މާބޮޑަށްވެސް ގަބޫލުކުރެވޭ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ބޭނުންވާ ނަތީޖާ އަދާލަތު ޕާޓީއާއެކު ނެރެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މާބުލް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީ އިންތިޒާމުވެފައި އޮންނަނީ އެމްޑީޕީއާ މާދުރު ގޮތަކަށް ނޫން ކަމަށާއި ސިޔާސީ ޕާޓީއެއް އުފެދިފައި އޮތް އޮނިގަނޑު ފެނުމުން އެޕާޓީއާއަކާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ.
އެގޮތުން ޕާޓީގެ އެތެރޭގެ ހިންގުމާއި ހިންގާ ގޮތްތައް އެނގުމުން އަދާލަތު ޕާޓީއާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީއަށްވެސް އެމްޑީޕީގެ ސިޔާސަތުތައް ބައެއް ފަހަރު ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޝަރުއީ ނިޒާމު އިސްލާހުކުރުމާއި އަމިއްލަ އާމްދަނީއިން ޓެކްސް ނެގުމާއި މަސައްކަތްތެރިންނަށް ކަނޑައެޅޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަދި ވަޒީފާ ނެތް މީހުންނަށް އިނާޔަތެއް ދިނުންފަދަ އެތައް ކަމެއްގައި އަދާލަތު ޕާޓީއާއެކު އެއްބަސްވެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއާ އެމްޑީޕީގެ ސިޔާސަތުތައް ދާދި އެއްގޮތްކަމަށް ނަޝީދު ވިދާޅުވިނަމަވެސް، މަޖިލީހުގެ ގޮނޑިތައް ނެގުމުގައި އަދާލަތު ޕާޓީއަށް ދޫ ދޭން ބޭނުން ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކަށްވެސް އަދި ފިއްޔަކަށްވެސް އެމަނިކުފާނު ޚިލާފުވެ ވަޑައިނުގަންނަވާނެ ކަމަށާއި ޕާޓީގެ ނިންމުމަކީ މަޖިލީހުގެ ގިނަ ގޮނޑިތައް ނެގުން ކަމަށެވެ.
އަދި މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ