އެހީ ހޯދުމުގެ މަޝްވަރާ އަށް ޝާހިދު ސައުދީ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިއީ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ސައުދީ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ރާއްޖޭގެ ތަރައްގީ އަށް ސައުދީން ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފް އާއި، ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.
ޝާހިދުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާނާއި މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ޝާހިދު މީގެ ކުރިން ވަނީ އިންޑިއާ، ސްރީ ލަންކާ، ޖަޕާން، ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސި ވިލާތަށް ވެސް ދަތުރު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ