ރައީސް ޔާމީނަށްވެސް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ފުރުސަތު ދޭން ޖެހޭ - ޤާސިމް

ސިޔާސީ ޕާޓީ އުފެއްދުމާއި އެހެނިހެން ފުރުސަތުތައް ވެސް ގާނޫނުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ޖޭޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާޙީމް ވިދާޅުވީ، މި ސަރުކާރުގައި ވެސް ޔާމީނާ މެދު ކަންކަން ކުރެވެން ޖެހޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށާއި ޔާމީނަށް އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށެވެ.
މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހީމްއަކީ އެކި ރައީސް ޔާމީންގެ ދައުރުގައި ޖަލު ހުކުމެއް އައުމުން ބޭސްފަރުވާ އަށް ކަމަށްބުނެ ޖަރުމަނު ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޤާސިމް އަބުރާ ރާއްޖެ ވަޑައިގެންފައިވަނީ ޔާމީންގެ ވެރިކަން ވެއްޓުމާ ހަމައިންނެވެ.
މީގެ އިތުރުން މިރޭގެ ވާހަކަފުޅުގައި ޤާސިމް ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކުރުން ހުއްޓުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ޤާނޫންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޙައްޤުތަކެއް ލިބިފައިވާ ކަމަށާއި އަދި އެޙައްޤުތައް ކޮންމެ މީހަކަށްވެސް ލިބިދޭން ޖެހޭ ކަމަށެވެ.
"ރަޖިސްޓަރީ ކުރަން ޕާޓީއެއް ހުށަހެޅީމާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފަހައްޓުމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ގާނޫނުގެތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ދޭން ޖެހޭނެ. ވަކި މީހެއްގެ ގައުމެއް ނޫން މި ގައުމަކީ،" ޤާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީންވަނީ ޕީއެންސީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައެވެ. ނަމަވެސް ޔާމީން މިހާރު ރައީސްކަން ކުރައްވާ ޕީޕީއެމްގެ ބޮޑު ދަރަންޏެއް އޮތުމާއިއެކު އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގިނަ ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ