މެމްބަރުންނަށް ޕާޓީ ބަދަލުނުކުރެވޭ ގޮތް ހަދަން ޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ގޮތައް ހަދަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،
މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ކެމްޕޭނު އިފްތިތާހްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވޯޓްދީގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެ ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެގެން ނުވާނެ ކަމަށޭވެ. އަދި އެކަމަށްޓަކައި އުވާލެވިފައިވާ އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީޑު ވިދާޅުވިއެވެ.
"'އެތަނަށް މެމްބަރުން އިންތިހާބު ކުރަނީ ތިބޭފުޅުން. ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނަވަނީ. ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެންޓީ ޑިފެކްޝަން ގާނޫނު އުވާލެއްވީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވުމާއެކު އޭރުގެ އިދިކޮޅު ކޯލިޝަނުންނެވެ. އެމްޑިޕީ އިސްވެއޮވެ ކުރި މަސައްކަތުން އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުގައި 37 މެމްބަރަކު އޭރު ވޯޓް ދެއްވިއެވެ.
މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އަންނަ 19 ވަނަ މަޖިލީހުގައި މެމްބަރުން އެ ދާއިރާއެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ހާލު އަހްވާލު ބަލަން ޖެހޭ ގޮތަށް މަޖުބޫރުކޮށް ބިލެއް ހުށަހަޅުއްވައި އެ ބިލް ގާނޫނަކަށް ހައްދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ