މަޖްލިސް 19 ވެގެންދާނީ އައްޑޫގައި 5000 އެނދު ބިނާ ކުރުމުގެ ވަސީލަތަކަށް: ނަޝީދު

އައްޑޫގައި 5000 އެނދު ބިނާ ކުރުމަށް ވަސީލަތަކަށް 19 ވަނަ މަޖްލިސް ވެގެންދާނެކަމަށް މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާގެ ޕްރައިމަރީއަށް ވާދަ ކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ މާލޭ މަޖީދީމަގާއި ޖަނަވަރީ މަގުގުޅޭ ކަންމަތީގައި ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވީ އައްޑޫގައި 5000 ޓޫރިސްޓު އެނދު ހެނދޭނެކަމީ އައްޑޫގެ ހުރިހާ ރައްޔިތުންވެސް މިއަދު ގަބޫލް ކުރާ ހަގީގަތެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ގޮޑުދޮށްތަކާއި، މޫދު، އަދި ރުއްގަސް ދެކިލުމަށް ކަމަށާއި، އެމަންޒަރު ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަކަމަށެވެ. އެގޮތުން އައްޑޫއަށް ވުރެ ވަކި ރީތި ޖަޒީރާ ރަށެއް ރާއްޖޭގެ އެހެން ސަރަހައްދަކުޖް ނުފެންނާނެކަމަށެވެ. އަދި ޓޫރިޒަމް ކުރިއެރުވޭނީ ފަޅު ރަށްތަކުން އެކަނި ނޫންކަން ދިވެހިން ދަސްކޮށްފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ގަމުގެ އެއާޕޯޓު ތަރައްޤީކޮށް އައްޑޫގައި ޓޫރިޒަމް ކުރިއެރުވޭނީ އައްޑޫ ސިޓީ ކައުންސިލަށް ބާރުދީގެން ކަމަށެވެ. އެގޮތުން ބިންތަކާއި، މަގުތަކާއި، އެއާޕޯޓު ކައުންސިލުގެ ދަށަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އައްޑޫގައި 5000 އެނދު ހެދުމާއި އެކު 5000 ވަޒީފާގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އިގްތިސާދީ ގިނަ ފައިދާތަކެއް އައްޑޫއަށް ލިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އައްޑޫ ޓޫރިޒަމް ވައުދު ފުދިގެންދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވޭނީ ގަމުގެ އެއާޕޯޓު ތަރައްޤީކޮށްގެންކަމަށެވެ. އަދި އެކަން ކައުންސިލަށް ކުރެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ