ގުރުއާންގެ ދިވެހި ތަރުޖަމާ އެމްއެންބީސީ ވަން އިން ފޮނުވުން ރައީސް ނަޝީދު އިފްތިތާހުކޮށްދެއްވައިފި

ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ އެމްއެންބީސީ ވަން އިން ފޮނުވުން ރައީސް މުހައްމަދު ނަޝީދު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ގުރުއާންގެ ދިވެހި ތަރުޖަމާ ފޮނުވުން ފައްޓަވާދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޒުވާނުންނާއި މެދު އުމުރާއި ދޮށީ އުމުރުގެ އެންމެން އެދި ގޮވަނީ ރާއްޖެ އަލުން އަނބުރާ ބިނާކުރުމަށް ކަމަށެވެ.
"ގައުމިއްޔަތެއް ބިނާކުރުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އަބަހުރޭ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނާއި އަޅުގަނޑުމެންގެ ސަގާފަތާއި ... އަދި އަޅުގަނޑުމެންނަށް މިއަދު ކަށަވަރުވަމުން މިއަންނަ އަނެއް ހަގީގަތަކީ ދިވެހިން އެދެނީ މާތްވެގެންވާ އިސްލާމް ދީނާއި އިންސާނީ ހައްގާއި އަދި އަޅުގަނޑުމެންގެ ސަގާފަތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް އުޅެމުންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ ކަމަށާއި ރާއްޖޭގެ އިސްލާމީ ތާރީހަކީ ދުނިޔޭ އިސްލާމީ މަދު ގައުމަކުން ނޫނީ ފެންނާން ނެތް ފަދަ ވަރުގަދަ ސަގާފަތަކާއި ތާރީހެއް ކަމަށެވެ.
"ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ދީނީ ހެޔޮލަފާ ނަސޭހަތް ދިނުމާއި ދީނީ ވައުޟު ބުނުމާއި ދީނީ ހަމަތައް ރައްޔިތުން އަންގައިދިނުމުގައި ފަނޑިޔާރު މަނިކުފާނާއި އަދި އެހެން ވެސް ދައުލަތުގެ ވެރިކަމުގެ މުއައްސަސާތައް ކުރަމުން އައި މަސައްކަތްތައް ނުހަނު ގިނަގުނަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރުއާން ތަރުޖަމާކޮށް ފޮނުވަން ފަށާފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާރު ޓެކްނޮލޮޖީ އާއި މިހާރުގެ މީޑިއާ ބޭނުންކޮށްގެން ގުރުއާން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސާފުކޮށް އަންގައި ދިނުމަކީ އަބަދުވެސް ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.
"ސަރުކާރުގެ ޗެނަލުން ގުރުއާން ތަރުޖަމާވެގެން ފޮނުވުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް. ދައުލަތުގެ މީޑިއާއެއް އޮންނަ ކަމަށް ވަނީ ނަމަ އެ މީޑިއާއެއް މެދުވެރިކޮށްގެން ގައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ އެ މީޑިއާގެ އެއް ވާޖިބު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ އުއްމަތުގައި ދީނީ ހެޔޮލަފާ ނަސޭހަތް ދީނީ ދަންނަބޭކަލުންނަށް ބިރަކާ ނުލައި ރައްޔިތުންނަށް ފޯރުކޮށްދޭ ގައުމެއް ރާއްޖެ ނޫނީ ނޯންނާނެ ކަމަށެވެ.
"އިސްލާމް ދީން ކުރިއެރުވުމަށްޓައި މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އިސްލާމީ ރަނގަޅު އަގީދާއެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި "އަޅުގަނޑުމެންނަށް ވަގުތުގެ އަޖަލުގައި ޖެހި ތިބޭއިރުގައި ބައެއް ފަހަރަށް މިއަދު މިވާ ގޮތް މުޅިން ސާފުނުވެދާނެ" އެވެ.
"އަދި އެކަމާ ގުޅިގެން ބައެއް ބޭފުޅުން ވިދާޅުވާ އެއްޗެތީގެ ސަބަބުން އަޅުގަނޑުމެން ކުޑަކޮށް ހިތްނުތަނަވަސްވެދާނެ. އަޅުގަނޑު ދަންނަވާނީ އެކަމާ ކަންބޮޑުވެނުލައްވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ގުރުއާންގެ ތަރުޖަމާ ރެކޯޑުކުރުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަސް އަންނަންވާއިރަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އައްމާ ފޮތުގެ ތަރުޖަމާ މުޅިން ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ގުރުއާން ތަރުޖަމާ ރެކޯޑްކުރެވެމުންދާ ވަރަކަށް ފޮނުވަމުން ގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މަޣުރިބް ނަމާދަށް ފަހު އެ ތަރުޖަމާ ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންބީސީ ވަންގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފްގެ އަޑުން ފޮނުވާ ގުރުއާން ތަރުޖަމާގެ ރެކޯޑިން އެމްއެންބީސީގެ ފިހާރައިން ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. މިއީ ރައީސް އޮފީހުން ކުރިން ނެރެފައިވާ ގުރުއާންގެ ތަރުޖަމާގެ ރެކޯޑިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ