ނިއުދިއްލީގައި ތިބޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

އިންޑިޔާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ރޭ ބައްދަލުކުރައްވައިފި އެވެ.
ދިއްލީގެ ލެ މެރީޑިއަން ހޮޓެލްގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި އާއިލާތަކާއި ކިޔަވަން ތިބި ކުދިންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ މި ބައްދަލުކުރެއްވުން އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރަށް ޝުކުރު އަދާކުރެއްވި އެވެ.
ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި ވަނީ ވަރަށް ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްލީގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މުޚާތަބު ކުރައްވަމުން، ރާއްޖޭގައި ތައުލީމީ ޒުވާނުން ގިނަވުމަކީ އެކަމުން ރާއްޖެ އަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ އިން ބޭރުގައި ތައުލީމު ހާސިލު ކުރަމުން ގެންދާ ހުރިހާ ކުދިން ވެސް އެނބުރި ގައުމަށް އައިސް އިޚްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން، ވަރަށް ގިނަ ކަންތައްތަކުގައި އިންޑިޔާ ސަރުކާރުގެ އެއްބާރުލުމާއި ތާއީދު ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވަމުން އެބަގެންދަވާ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި އަހަރުގެ އޭޕްރީލް މަހު ނިއުދިއްލީގައި ބާއްވާ 14 ވަނަ ސާކް ސަމިޓުގެ ސަބަބުން ސާކުގެ ހަރަކާތްތަކަށް އިތުރު ކުރިއެރުމާއި އިތުރު ބަދަހިކަމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި މަރުހަބާ ވިދާޅުވުމުގެ ގޮތުން ހައިކޮމިޝަނަރު އަންބަރީ އަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި ދިއްލީގައި ތިބޭ ދިވެހި އާއިލާތަކާއި ކިޔަވަމުން ގެންދާ ދިވެހި ކުދިންނާ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް ބައްދަލުކޮށްލައްވާ މިއީ ދެވަނަ ފަހަރުކަން ފާހަގަކުރެއްވި އެވެ.
ޝުކުރު ދެންނެވީ ދިއްލީ ޔުނިވަސިޓީގައި ސޯޝިއޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވަމުން ގެންދަވާ ގ. މާބިންހުރާ ފާތިމަތު ރިޔާޒާ އެވެ. އޭނާ ދެއްކެވި ވާހަކައިގައި އެ ކުދިންނާ އަދި ދިއްލީގައި ދިރިއުޅެމުން ގެންދާ ދިވެހި އާއިލާތަކާ ރައީސް ބައްދަލުކޮށްލައްވާކަން އެއީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް ދެންނެވި އެވެ. އަދި ކިޔަވާ ކުދިންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު މިފަދަ ހަފްލާތަކުން ފެނިގެންދާ ކަމަށް ވެސް ދެންނެވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދިއްލީގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ވަޒީފާގައި ތިއްބެވި ދިވެހިންނާއި ދިއްލީގައި ތިބި ދިވެހި އާއިލާތަކާއި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސްގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި ހާލު އޮޅުންފިލުއްވައި ސަލާން ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ