ރައީސް ވަހީދަށް އެންމެ މަތިވެރި ގަދަރާއި އިހްތިރާމް އަރުވާނެ - ރައީސް ޔާމީން

ޕީޕީއެމް ސަރުކާރުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް އެންމެ މަތިވެރި ގަދަރާއި އިހްތިރާމް އަރުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އެއް މަސްދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ވަހީދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށްމަށް ފެށޭ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައި ބުނަނީ އިނާޔަތްދެވޭނީ ދައުރެއް ފުރިހަމަކުރުމުން ކަމަށެވެ.  އެ ގާނޫނު ބުނާގޮތުން ރައީސް ކަމުގެ އެއް ދައުރަކީ ދެ އަހަރާއި ހަ މަސް ދުވަހު ރައީސުލްހޫމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމެވެ.
ނަމަވެސް ރައީސް ވަހީދު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވަނީ ގާތްގަނޑަކަށް 2 އަހަރު ދުވަހު އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭ އެންމެހާ ރައްކާތެރިކަމާއި އިނާޔަތްތައް ރައީސް ވަހީދަށް އަރުއްވާ ގޮތަށް ޕީޕީއެމް ކައުންސިލުން މީގެކުރިން ވަނީ ނިންމާފައެވެ.
ގާނޫނު އަސާސީގެ 128 ވަނަ މާއްދާ އާއި އަދި އެ މާއްދާގެ ދަށުން ހެދިފައިވާ ގާނޫނުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ގާނޫނުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ހިމާޔަތާއި އިނާޔަތާއި އިމްތިޔާޒްތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.
ރައީސް ވަހީދު ރޭ ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރްޙަބާއެއް ވަނީ ކިޔާފައެވެ. ވަޙީދުގެ ދެކަނބަލުންނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ރައީސް ވަޙީދު މާލޭ ހަތަރު ނަންބަރު ފާލަމަށް ފައިބާވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ،  ރައީސް ޔާމީނާއި ކެބިނެޓުގެ ބައެއް ވަޒީރުންނެވެ.
އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ހަތަރު ނަންބަރު ފާލަން ކައިރި އަށް ޖަމާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ