އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ގޮންޖެހުންތަކެއް އެބަހުރި: ޖެންޑާ މިނިސްޓްރީ

ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ އޮނިގަނޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން އާއިލީ ގުޅުމަށާއި އާއިލާގެ ހަމަޖެހުން ދެމެހެއްޓުމަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ޖެންޑާ މިނިސްޓުރީން ބުނެފި އެވެ.
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ޖެންޑާ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އާއިލީ ދިރިއުޅުމެއް ފަހިކުރުމަށް އެންމެ އެކަށޭނަ ޖާގަ އާއި ފުރުސަތު ތަނަވަސް ވެފައިނުވުމާ އަދި އެ ނޫން ވެސް އެފަދަ ސަބަބުތަކާ ހުރެ އާއިލާތަކަށް އެކަށޭނަ ވަގުތާއި އަހައްމިއްޔަތުކަން ދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން އާއިލާގެ ގުޅުމުގެ މުހިންމު ކަމަށް ބަލާލައި ބުނެފައި ވަނީ އިންސާނެއްގެ ހަޔާތުގައި އެ އިންސާނެއްގެ ފަހަތުގައި އޮންނަ އެންމެ ބޮޑު ބާރާއި ހިތްވަރަކީ އާއިލީ ގުޅުން ކަމަށެވެ.
"ދަރިން އެކަށޭނަ ގޮތެއްގައި ތަރުބިއްޔަތުކޮށް އެ ކުދިންގެ ސަހުސިއްޔަތު ހަރުދަނާކޮށް ބައްޓަން ކުރުމުގައި އާއިލީ ދިރިއުޅުމުން އިސްދައުރެއް އަދާކުރެ އެވެ. އިންސާނާގެ އުމުރުން ދުވަސްވާއިރު އޭނާ އަށް ލިބެން ޖެހޭ އޯގާތެރިކަމާއި އެހީތެރިކަމުގެ އެންމެ ބޮޑު އަސްލަކީ އާއިލީ ގުޅުން،" ޖެންޑާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މިނިސްޓުރީން ބުނީ މި އަހަރުގެ ބައިނަލްއަގުވާމީ އާއިލާއާ ބެހޭ ދުވަހުގެ ޝިއާރު ކަމުގައިވާ "މަސައްކަތާއި އާއިލާއާ ދެމެދު އެކަށޭނަ ހަމައެއް ޔަގީންކުރުން" މި ޝިއާރު ކަނޑައަޅާފައި ވަނީ އާއިލާ އަށް ދޭން ޖެހޭ ވަގުތާއި އަހުމިއްޔަތާއި އަދި ތަފާތު ގޮންޖެހުންތަކާ މެދު ހުރިހާ އެންމެން ވެސް ވިސްނައި އިސްލާހްކުރުމުގެ ވެއްޓެއް ގާއިމްކުރުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ތަސައްވުރު ވެސް އޮތީ އެކަންކަމުގެ މައްޗަށް ބަލައި ސަރުކާރުން ކުރަން ޖެހޭ ކަންތައްތައް ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ