އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އާއެކު ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ފެންނާނެ: ކައުންސިލް

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އާއެކު ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ފެންނާނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ކަައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ މިބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 24 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށާއި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތުގެ 46 އިންސައްތަ ވަނީ ނިމިފަ އެވެ.
ރަޝީދު ވިދާޅުވީ އިހަވަންދޫ އަކީ މަސްވެރިކަން ކުރާ ރަށެއްގެ އިތުރުން ވިޔަފާރި ބޭނުމަށް ގިނަ އުޅަނދު ގެންގުޅޭ ރަށެއް ކަމަށެވެ. އަދި މާލެ ދަތުރު ކުރުމަށްވެސް ގިނަ ބޯޓު ފަހަރު އެރަށުގައި އޮންނަ ކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން ފަޅުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އޮންނަ ކަމަށްވާއިރު މިކަމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
19 ވަރަކަށް މަސް ދޯނި އޮންނަ އިރު މި ދޯނިތައް ފަޅުގައި އެޅޭނެ ގޮތެއް ނޯންނަ ކަމަށާއި މޫސުން ގޯސް ވާ ދުވަސްދުވަހު މޫދުގެ ބާނިތަކުގެ ސަބަބުން ވެސް އެކި އެކި ގޮންޖެހުންތަކާ ކުރިމަތި ވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ފަޅުގެ ބައެއް ހިސާބުތައް ތިލަ ވުމާއެކު އެކި ހިސާބުތަކަށް ވެލި އެރުމުގެ މައްސަލަވެސް ދިމާވާކަމަށް ވެސް ރަޝީދު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ ރިޔާސީ ވައުދުޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއު އާއެކު ރައްޔިތުންގެ އުއްމީދުތައް އައު ވެފައިވާ ކަމަށާއި ރައްޔިތުން އެދޭ ބަދަލު މި މަޝްރޫއު ނިމޭއިރު ފެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫއު އާ ބެހޭ ބައްދަލުވުން ތަކުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށާއި މި މަޝްރޫއު ނިމޭއިރު ބަނދަރު ހެދިފައި އޮންނާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މަޝްރޫއާއި ބެހޭ އިތުރު މައުލުމާތު ހިއްސާކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ނިންމާނެ ކަމަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީ އާއި އެމްޓީސީސީން ސޮއި ކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި، މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު މަސައްކަތް ފަށާފައިވާއިރު އޭނާ ވިދާޅުވި މަސައްކަތް ފުރިހަމަކޮށް ވިހާ ވެސް އަވަހަށް ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ