ރުޤުޔާކުރާނެ ކޮޓަރިއެއް، ފަތާ ފެންގަނޑެއް ނެތިގެން ރައީސް ޔާމީން ނޫޅުއްވާ: ޑރ.ޖަމީލު

ރުޤުޔާ ހަދާނެ ކޮޓަރިއެއް ނުވަތަ ފަތާ ފެންގަނޑެއް ޖަލުގައި ނެތިގެން ރައީސް ޔާމީން ނޫޅުއްވާ ކަމުގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް ޔާމީނުގެ ވަކީލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ރައީސް ޔާމީނު ފަތާ ފެންގަނޑަކަށް އަދި ރުޤުޔާ ކޮޓަރިއަކަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެހެންވެސް ގައިދީންނަށް ލިބޭ ޙައްޤުތައް ލިބިވަޑައިގަތުމަށް ކަމުގައެވެ. އަދި ޑރ.ޖަމީލުވަނީ ޝައިޚު ޢިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީނާމެދު އިންސާފުވެރި ޝަރީޢަތެއް ކުރިއަށް ގެންދިއުމަށް ޢިމްރާން ހުރަސް އަޅުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ހޯމް މިނިސްޓަރު ޢިމްރާނަކީ ރައީސް ޔާމީނާމެދު ޒާތީ ޢަދާވާތްތެރިކަން ގެންގުޅުއްވާ ބޭފުޅެއް ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އެގޮތުން ޖަމީލު ފާހަގަކުރެއްވީ ރައީސް ޔާމީނާ ގުޅޭ ގޮތުން ޢިމްރާނު އިތުރުފުޅު ހައްދަވާ ކަމުގައެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، މޭޑޭ މުޒާހަރާގައިވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން ޢިމްރާނު އިތުރުފުޅުހައްދަވައި، ޑރ.އަފްރާޝީމު ޝަހީދުކޮށްލުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ޙަޤީޤަތެއް ނޫންކަން މިހާރު އެނގިފައިވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. އަދި ޢިމްރާނަކީ ސިޔާސީ ޝައިޚެއް ކަމުގައާއި، ބައެއް ދީނީ ޢިލްމުވެރިންނަށް މަޤާމު ލިބިވަޑައިގަތުމުން ތުރުކުރައްވާ ހެދުންކޮޅަށާއި، ތުނބުޅިއަށާއި ވާހަކަދައްކަވާ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ކަމުގައާއި އެއީ "ޢުލަމާއުއް ސޫއު" ނުވަތަ ނުބައި ޢިލްމުވެރިން ކަމުގައިވެސް ޖަމީލު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މިއަދު ރައީސް ޔާމީނުގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން އައު ލިޔެކިޔުންތަކެއް އިއްޔެ ރެއާއި މިއަދުގެ ހެނދުނުގެ ވަގުތުގައި ހުށަހަޅާފައިވާކަން އެނގޭ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 500 ސަފުހާގެ ލިޔެކިޔުން ލިބިފައިވާއިރު މިއަދު ފަނޑިޔާރު ދެއްވި ވަގުތަކީ އެލިޔެކިޔުމާއި އަލުން ލިބޭ ލިޔެކިޔުން ދިރާސާކުރަން އެކަށީގެންވާ ވަގުތެއް ނޫން ކަމުގައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މައްސަލަ ބައްލަވާ ޤާޟީ އިތުރު ވަގުތު ދެއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ