ވީރާނާވަމުންދާ ތެޔޮ ޓޭންކަރު އޮތް ސަރަޙައްދަށް ދިއުމުގެ ހުއްދައަށް ހޫޘީންގެ ކިބައިން އެދިއްޖެ

ޔަމަނުގެ އައްސޭރިފަށުގައި އަޅާފައި އޮތް އެފްއެސްއޯ ސޭފާރ ޓޭންކަރުގައި ހުރި 1.1 މިލިއަން ފީފާގެ ތެޔޮ ބަންޑުން ވުމުގެ ފުރުޞަތު އޮތުމުން، ޙާލަތު ވަޒަންކުރުމަށް އެ ސަރަޙައްދަށް ޚާއްޞަ ވަފުދެއް ފޮނުވުމުގެ ހުއްދަ ދިނުމަށް އދން ޔަމަނުގެ ހޫޘީންނަށް ގޮވާލައިފިއެވެ.
ޔަމަނުގެ ރެޑް ސީ ތެޔޮ މަރުކަޒުގެ ބޭރުގައި ސޭފާ ޓެންކަރު ހޫޘީންގެ ބާރުގެ ދަށަށް ގޮސްފައިވަނީ 2015ވަނަ އަހަރުގައެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ޓޭންކަރު ވީރާނާވެ ގިނަ ގެއްލުންތަކެއްވަނީ ލިބިފައެވެ. އޭގެ ސަބަބުން އެ ބޯޓުގައި ހުރި ތެޔޮ ފައިބައި ބޮޑު ކާރިޘާއެއް ކުރިމަތިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މީގެ އެއްމަސް ކުރިން އދގެ ވަފުދަކުން ތެޔޮ ޓޭންކަރުގެ ޙާލަތު ދިރާސާކޮށް ބައެއް މަރާމާތު ކުރުމުގެ ޙުއްދަ ދޭނެކަމަށް ހޫޘީންވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިހާތަނަށް ޙުއްދަ ދީފައެއް ނުވެއެވެ.
ތެޔޮ ޓޭންކަރުގެ ޙާލަތާމެދު އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތޭރެޝް ވަރަށް ބޮޑަށް ކަންބޮޑުވެލައްވާކަމަށް އދގެ ތަރުޖަމާނު ސްޓެފާން ދުޖަރިކުވަނީ ވިދާޅުވެފައެވެ. 1989ވަނަ އަހަރު އަލަސްކާގެ ބޭރުގައި ތެޔޮ ޓޭންވަރެއް ފަރަށް އެރުމުގެ ސަބަބުން ދިމާވި ތެޔޮ ފޭބުމުގެ ބޮޑު ހާދިޘާގައި ބަނޑުންވި ތެލުގެ ޢަދަދަށްވުރެ ހަތަރު ގުނަ ޢަދަދެއްގެ ތެޔޮ ސޭފާރ ޓޭންކަރުން ފޭބުން އެކަށީގެންވާކަމަށް އދން ވަނީ ފާހަގަކޮށްފައެވެ.
ދުޖަރިކް ޗިދާޅުވީ ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ވަފުދުތަކަށް އެއްވެސް ޝަރުތަކާނުލައި އެ ސަރަޙާއްދަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގުތޭޚެޝް އެދިވަޑައިގަންނަވާކަމަށެވެ. އޭގެ ސަބަބުން ބޮޑު ކާރިޘާއެއް ހިނގިޔަ ނުދީ އެޅިދާނެ ފިޔަވަޅުތަކާގުޅޭ ދިރާސީ ހެކި ހޯދުމަށް ފުރުޞަތު ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އދގެ ސަލާމަތީ މަޖިލީހުންވެސްވަނީ ޝަރުތެއް ނެތި އެ ސަރަޙައްދަށް ފަންނީ މާހިރުންނަށް ދިއުމުގެ ޙުއްދަ ދިނުމަށް ހޫޘީންނަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ