ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން ރައިސް ޔާމީން ގޮވައިގެން އޭޖީ ކޯޓަށް

މަނީ ލައުންޑަރ ކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކެވުމަށް ކުރި ހުކުމާއި އެއްގޮތަށް އެފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ހޯއްވުމަށް ކޯޓަށް ވަޑައިގަންނަވަން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ނިންމަވައިފިއެވެ.
މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޔާމީން، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ޙުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެ ހުކުމްގައި، ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގިހުރެ، އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ރައީސް ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ރައީސް ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.
ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
ކްރިމިނަލް ކޯޓުން ދިން މުއްދަތު މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށް ވަނީ ހަމަވެފައިވާތީ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، އެ ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމަވާ، އެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް އެދި ހައިކޯޓަށް ވެސް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް މުޅި މައްސަލައިގެ އިސްތިއުނާފީ ޝަރީޢަތް ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ