ޚާއްސަ އުސޫލެއްގެ ދަށުން ޔާމީން ގެއަށް ބަދަލު ކުރަން އިދިކޮޅުން އިމްރާންގެ ކިބައިން އެދެފި

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޚާއްސަ ހާލަތެެއްގެ ދަށުން ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކިބައިން އެދެފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ޚާއްސަ ހާލަތެއްގެ ދަށުން ގެއަށް ބަދަލުކޮށް ދިނުމަށް އިދިކޮޅުން އެދުނީ އެމަނިކުފާނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމަށް އެދި މިއަދު ހޯމް މިނިސްޓަރާއި ބައްދަލުކުރައްވަ އެވެ.
އިދިކޮޅުން އިމްރާނާއި ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމާރާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އެވެ.
ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމަށް އިދިކޮޅުން އެދުނު ކަންތައްތަކުގެ ތެރޭގައި އެމަނިކުފާނަށް ފެތޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި، ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ދިނުމާއި، ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަސޭހަ ގޮތަކަށް ހަމަ ޖައްސައިދިނުމުގެ އިތުރުން އެމަނިކުފާނު ހުންނެވި ގޮޅީގައި އިތުރު ޓީވީ ޗެނަލްތައް ލިބޭނޭގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.
މިހާރު އެމަނިކުފާނު ހުންނެވި ގޮޅިއަށް ލިބެނީ ޕީއެސްއެމްގެ ޗެނަލްތަކެވެ. އަދި އިތުރު ލޯކަލް ޗެނަލްތައް ލިބޭނޭ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިމްރާން ދެއްވާފައިވާކަން ވަނީ އެނގިފަ އެވެ.
މީގެ އިތުރުން ފެތޭނެ އިންތިޒާމާއި އެމަނިކުފާނަށް ބޭސްފަރުވާގެ ކަންތައްތަކަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ހުކުމާއި އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ފައިސާ ހޯދުމަށް އިއްޔެ ބަންޑާރަނައިބުގެ އޮފީހުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ[މީރާ] އަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ