އެމްޓީސީސީން ވިއްކާ އިންޖީނުތަކުގެ އަގު ''މާބޮޑަށްވެސް ހެޔޮވެއްޖެ''

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުތަކުގެ އަގު ބޮޑުތަނުން ހެޔޮކޮށް، "މާބޮޑަށް ވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
އެމްޓީސީސީ އިން ވަނީ އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން ސްޓޮކް ބޭޑާ ބްރޭންޑުގެ ރެސިންގެ އަގުތައް ވެސް ހެޔޮކޮށްފައެވެ.
އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އެމްޓީސީސީގެ "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން މި ފެށި ކެމްޕޭނާއި ގުޅިގެން، އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑި ދޯނި ފަހަރުގައި ބޭނުންކުރާ ސްޓޮކް ބޭޑާ ބްރޭންޑުގެ ރެސިންގެ އަގުތަކަށް މިބަދަލު ގެނެސްފައިވަނީ ސަރުކާރުން މެރިން އިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން އެ ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ދިން ފުރުޞަތުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ކެމްޕޭނާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތު ހާމަ ކުރަމުން އެ ކުންފުނިން ބުނެފައި ވެއެވެ.
މި ޚާއްޞަ ފުރުޞަތާއި ގުޅިގެން ސުޒުކީ އިންޖީނު ބައްލައިގަންނަވާ ފަރާތްތަކަށް ޑައުންޕޭމެންޓުން
40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށް ކުރެވިފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށް ކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި ކެމްޕެއިން ފަށްޓަވައި ދެއްވުމަށް ފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްޓީސީސީއަކީ މަސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކުންފުންޏެއްކަން ފާހަގަކުރަށްވާފައި އެވެ. އަދި މެރިން އިންޖީނުގެ ޑިއުޓީ މައާފު ކުރުމަކީ މީގެ އެތައް އަހަރުތަކެއް ކުރީއްސުރެ މަސްވެރިން ދެކެމުން އައި ހުވަފެނެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެތަކެތީގެ ޑިއުޓީ މައާފުކުރުމާއެކު އެބަދަލު އެމްޓީސީސީން ވިއްކާ ތަކެއްޗަށް ގެނައުން އަވަސްކުރީ ވެސް މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އާޒިމް އިތުރަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ސަރުކާރުގެ ވިސްނުން ވެސް ހުރީ ތަރައްގީ ކުރުމަށްޓަކައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް ވެސް އިއްޔެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ