އޮމިކްރޯންއަކީ ކޮވިޑްގެ އެންމެފަހު ވޭރިއަންޓް ކަމަށް ބަލައިގެން ނުވާނެ: ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ

ޖެނީވާ (25 ޖަނަވަރީ 2022): އޮމިކްރޯންއަކީ ކޮވިޑް-19 ގެ އެންމެ ފަހުގެ ވޭރިއަންޓް ކަމަށް ބަލައިގެން ނުވާނެކަމަށާއި އިތުރު ވޭރިއަންޓްތައް އައުމުގެ ފުރުސަތު ބޮޑުކަަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެއްޖެއެވެ. ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ އޮމިކްރޯންއަކީ ކޮވިޑް-19 ގެ އެންމެ ފަހުގެ ވޭރިއަންޓް ކަމަށް ބަލައިގެން ކޮވިޑްއާ މެދު ފަރުވާކުޑަކޮށްގެން ނުވާނެކަމުގައެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ކޮވިޑްގެ އައު ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ބޮޑުކަން އިލްމީ ދިރާސާތަކުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. އޮމިކްރޯން ވޭރިއަންޓާއެކު މުޅިދުނިޔެއަށް އައި ކޮވިޑްގެ އައު ރާޅާއެކު ދުނިޔެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަން ބަޔާންކުރައްވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ ކޮވިޑްގެ ހުރިހާ ވޭރިއަންޓްތަކުން ސަލާމަތްވުމަށްވެސް އޮތް ހަމައެކަނި މަގަކީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަބަޔަކު އެއްތަނަކަށް އެއްނުވުމާއި އަތްދޮވުން ނުވަތަ ސެނިޓައިޒް ކުރުންފަދަ ފަރުދީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ އަދި ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޓެސްޓްކުރުމާއި ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުން ކަމަށެވެ. ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާނަމަ ތަކުރާރުކޮށް ކޮވިޑްޖެހުނު ނަމަވެސް ފުރާނައަށް ނުރައްކާވާ މިންވަރަށް ސިއްހީ ހާލަތު ގޯސްވުމުގެ ފުރުސަތު ކުޑަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އޮމިކްރޯންއަކީ ވަރަށް ތަފާތު ވޭރިއަންޓެއްކަމުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރިނަމަވެސް އޮމިކްރޯން ފަސޭހައިން ޖެހިދާނެކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ. ކަންމިހެން ހުރުމުން ވެކްސިން އުފައްދާ ކުންފުނިތަކުން ގެންދަނީ އޮމިކްރޯން އަށް ޚާއްސަ ވެކްސިން އެއް އީޖާދުކުރުމަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ކާމިޔާބުވާނެކަމަށް ބެލެވޭކަމަށާއި އަދި އަންނަ މާޗް ނޫނީ އެޕްރީލް މަހުގެ ތެރޭގައި އޮމިކްރޯން އަށް ޚާއްސަ ވެކްސިނެއް ދުނިޔޭގެ ބާޒާރަށް ނުކުންނާނެ ކަމަށް އެމެރިކާގެ ފައިޒާ ކުންފުނިންވަނީ ބުނެފައެވެ. މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ ހަ މިލިޔަނަށް ވުރެ މައްޗަށް ގޮސްފައެވެ. މިހާރު ދުނިޔެ ތަހައްމަލްކުރާ އޮމިކްރޯން ގެ ރާޅު ބައެއް ގައުމުތަކުގައި އިތުރު ފަސް ހަފްތާ އަނެއްބައި ގައުމުތަކުގައި އިތުުރު ހަޔެކަށް ދިގު ދެމިގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން އަންދާޒާ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ