ސޮނެވާގެ ކޮންމެ މުވައްޒަފަކަށް މިމަހު ބައިލައްކަ ރުފިޔާގެ ސާވިސްޗާޖެއް

މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.
ރިސޯޓްތަކުގެ ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރާ ޕޭޖުތަކުގައި އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް މި މަހު ދީފައިވަނީ ސޮނެވާ ފުށިންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރ.) ދީފައިވެ  އެވެ.
މީގެ އިތުރުން އަންނަތަރާ ކިހަވައް ރިސޯޓުންވެސް ވަނީ ކޮންމެ މުވައްޒަފަކަށް 2126 ޑޮލަރު ނުވަތަ 32782 ރުފިޔާ، ސާވިސްޗާޖަށް ދީފައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު ރާއްޖެއިން ބައިލައްކަ އަށްވުރެ މަތީން އެންމެ ބޮޑު އަދަދެއްގެ ސާވިސްޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށިންނެވެ. ވެލާ އިން ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) ދީފައިވާއިރު އިތާފުށިން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރ.) ދީފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހަކީ އާއަހަރު ފާހަގަކުރަން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ދުވަސްވަރަކަށް ވާތީ ގިނަ ރިސޯޓުތަކުން ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހަ އެވެ.
ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަނީ ރިސޯޓުތަކުގެ މުވައްޒަފުން ދޭ މައުލޫމާތުގެ މައްޗަށެވެ. ބައެއް ރިސޯޓުތަކުން މި މަހު ސާވިސްޗާޖު ބެހި އަދަދުތަކެއް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ