ހޮސްޕިޓަލް ތަކުގެ އިދާރީ މުވައްޒަފުން މަލްޓި ޓާސްކް ކޮށްފި

ހުރިހާ އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ އިދާރީ ހުރިހާ މުވައްޒަފުންގެ މަގާމުގެ ނަން އެއް ނަމަކަށް ބަދަލުކޮށް އިދާރީ ހުރިހާ މުވައްޒަފުން މަލްޓި ޓާސްކްކޮށް އިދާރީ ހުރިހާ ކުރަންޖެހޭ ބައެއްގެ ގޮތުގައި ހެލްތު މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓްރީން، އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތަކުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމީ މާޗް 14، 2021 ގައެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރަން ފެށީ މި އަހަރުން ފެށިގެނެވެ.
މިނިސްޓްރީގެ ނިންމުމާ ގުޅިގެން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތަކުގެ ހުރިހާ އިދާރީ މުވައްޒަފުން މީގެ ފަހުން މަސައްކަތް ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ ގޮތުގަ އެވެ.
މިބަދަލާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ފާތިމަތު ޝޫބާ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މަގާމުތަކަށް މީގެ ފަހުން މުވައްޒަފުން ހޯދަން އިއުލާން ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ ގޮތުގައި ކަމަށެވެ. މިބަދަލު ގެނައި ނަމަވެސް ހިދުމަތުގައި މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ބަދަލު ގެނައުމުގެ ބޭނުމަކީ އިދާރީ މުވައްޒަފުންނަކީ އިދާރީ ގޮތުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ވެސް ކުރެވޭ މަލްޓި ޓާސްކް ބަޔަކަށް ހެދުން ކަމަށެވެ.
"މިބަދަލާ އެކު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ވަކި މުވައްޒަފަކު ނެތިގެން މަސައްކަތް ހުއްޓިފައި ހުންނާކަށް ނުޖެހޭނެ. ކޮންމެ މުވައްޒަފަކަށް ވެސް އިދާރީ މަސައްކަތް ކުރެވޭނެ ގޮތް މި ހެދީ. މިބަދަލާއެކު ހިދުމަތްތައް އަވަސް ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އޮނިގަނޑަށް ގެނައި ބަދަލު ތަންފީޒު ކުރަން ފެށި ނަމަވެސް ޑިރެކްޓަރުންގެ ބޯޑަކުން ހިންގާ ހޮސްޕިޓަލްތަކާއި މާލޭގެ އެއްވެސް ހޮސްޕިޓަލެއްގައު އެ އޮނިގަނޑަށް އަމަލުކުރާކަށް ނުޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ