އާ ވޭރިއަންޓަށް 100 ދުވަސްތެރޭ ފައިޒާއިން ވެކްސިނެއް ހަދަނީ

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާތެރި އައު ވޭރިއަންޓަށް 100 ދުވަސްތެރޭ ވެކްސިނެއް ހަދައި، ބޭނުން ކުރަން ފެށޭނެ ކަމުގެ ޔަގީންކަން ފައިޒާއާއި ބަޔޯއެންޓެކުން ބުނެފިއެވެ.
"އޮމިކްރޯން" ގެ ނަންދެވިފައިވާ އެ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއެންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިންވެސް ވަނީ ކަނޑައަޅާފަ އެވެ.
ކޮވިޑްގެ ވޭރިއަންޓްތަކަށް މިހާރުވެސް އެންމެ މޮޅު އެއް ވެކްސިން ތައާރަފު ކޮށްފައިވާ ފައިޒާއާއި ބަޔޯއެންޓެކު ގުޅިގެން ވަނީ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
ދެ ކުންފުނި ގުޅިގެން އައު ވޭރިއަންޓާ ބެހޭ ތަހުލީލުތައް ކުރަމުން އަންނަ އިރު، ކޮންމެހެން ބޭނުން ޖެހިއްޖެ ނަމަ ކުރިއަށް އޮތް 100 ދުވަސް ތެރޭ ވެކްސިނެއް ހަދައި، ގައުމުތަކަށް ފޮނުވޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި ވޭރިއަންޓާބެހޭގޮތުން ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) ބުނެފައިވަނީ އެއީ ކޮވިޑްގެ މިހާތަނަށް އަދި ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމު އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން އަދި ފަހަގަކުރެވިފައިނުވާ ކަމުގައެވެ.
އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ބައެއް މީހުންނަށް މަރުގެ ބިރުވެރިކަންވެސް އޮތް ވޭރިއަންޓެއްކަން މިހާތަނަށް ކޮށްފައިވާ ރީސާޗް ތަކުން ވަނީ ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ