ތަހުގީގަށް ނަޝީދުގެ ބަހެއް އަދި ނުލިބޭ: ޕޮލިސް

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ހަމަލާ އަމާޒުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަހެއް އަދި ލިބިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުންނާއި ޕީޖީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ތަހުގީގާއި ގުޅިގެން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ. މެއި ހައެއްގެ ހަމަލާއާ ގުޅޭ ބައެއް މައުލޫމާތުތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގެންފައިވާ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށާ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިނިސްޓަރު މާރިޔާގެ ނަން ފާހަގަނުކުރައްވާ ވިދާޅުވީ ސުވާލު ކުރަންޖެހޭ މީހުންނާއި ސުވާލު ކޮށްފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ބަހެއް ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނުގެ ބަހެއް ތަހުގީގަށް ލިބިފައި ނެތް ކަމަށެވެ.
"ޑިފެންސް މިނިސްޓަރަށް މައުލޫމާތު ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު އެނގޭ. އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް އަޅުގަނޑުމެން ބަލަމުން މި އައީ. ސުވާލުކުރަން ޖެހޭ މީހުންނާއި ސުވާލު ކުރެވިއްޖެ. އެ މައުލޫމާތާއި ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށްޓަކައި އަޅުގަނޑުމެން މައުލޫމާތު ސާފުކުރަން ޖެހޭ ސީދާ ރައީސް ނަޝީދުގެ އަރިހުންވެސް. ދެން މި ތަހުގީގަށް މިހާތަނަށް މި ތަހުގީގަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުންނެއް އަދި ބަހެއް ލިބިފައެއް ނެތް،"
ރިޔާޒު ވިދާޅުވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށެވެ. އަދި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަން ފެށުމާއެކު ބޭރުގައި ހުންނަވައިގެން ސިޓީ އަކުން ނުވަތަ އީ-މެއިލް މެދުވެރިކޮށްވެސް ނަޝީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު --
މި މައްސަލާގައި ރައީސް ނަޝީދު އެންމެ ފުރަތަމަ މާލޭގައި ފަރުވާ ހޯއްދަވަމުން ވަޑައިގެންނެވިއިރުގައި މުއާމަލާތެއް ކުރެވުނު ތަހުގީގަށް މައުލޫމާތު ލިބިދާނެތޯ. ދެން އެއީ ހަމަލާގެވެސް ވަރަށް ކުރީކޮޅަށްވެސް ވުމާއި ފަރުވާ ހޯއްދަވަމުން ގެންދަވާތީ އެ ވަގުތު އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައި ވަނީ. ދެން އޭގެ ފަހުން އަޅުގަނޑުމެން މި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަމުން އައިއިރުވެސް އަނެއްކާވެސް އެމަނިކުފާނުގެ ބަހެއް ހޯދަން އަޅުގަނޑުމެން އެދުނިން. އަދި މިވަގުތުވެސް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ވަޑައިގެން ހުންނެވުމާއެކު ކޮންމެހެން ތަހުގީގަށް ބަޔާނެއް ދެއްވަން ދަތިފުޅުވަންޏާ އަޅުގަނޑުމެން އެދިފައި އޮންނާނެ ސިޓީއަކުން ނުވަތަ އީ-މެއިލްއަކުން ނަމަވެސް އެމަނިކުފާނުގެ ބަހެއް ހޯދުމަށް
މުހައްމަދު ރިޔާޒް | އެސިސްޓެންޓް ކޮމިޝަނަރު
ރިޔާޒު ވިދާޅުވީ މެއިހައެއްގެ ހަމަލާގެ ތަހުގީގު ހިނގަމުން ދަނިކޮށް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތެއްގެ ވާހަކަ ފެންމަތިވުމާ ގުޅިގެން އެ މައުލޫމާތުގައި ބުނާ ހަމަލާއާއި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅުމެއް ވޭތޯ ބެލުނު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި އެ މައުލޫމާތާ ގުޅުމެއް ނެތް ކަމަށެވެ.
މެންބަރު އިލްޔާސް ބުނާ އޭނާގެ ރަހްމަތްތެރިޔާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި ސުވާލުކުރި ދުވަހެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ވެސް ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިލްޔާސް ލަބީބުގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގެ ވާހަކަ ހިމަނާފައިވެ އެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތުމުން އިލްޔާސް އަމަލުކުރެއްވި ގޮތާއި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އާއި ހިއްސާކުރުމުން އެކަމަނާ އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވި ކަންވެސް މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ